އުތުރު މެރިޓައިމް ސާވިސަސް އިން، ބައިނަލްއަގުވާމީ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ކުރެވިފައިވާ އިންތިޒާމުގެ ތެރެއިން، އިންޓަރނޭޝަނަލް ސީމެނުންނަށް ޚިދުމަށް ދިނުމަށް "ސީމެންސް ރެސްޓް" ގެ ނަމުގައި ޚާއްސަ ހިޔާއެއް މިއަދު ހުޅުވައިފި އެވެ.
އިހަވަންދިއްޕޮޅުގައި "ސީމެންސް ރެސްޓް" ހުޅުވައި ދެއްވީ އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ވަޖީހު އެވެ. މި ހިޔާ ހުޅުވާފައި ވަނީ އިހަވަން ދިއްޕޮޅުގައި ތައްޔާރު ކުރެވިފައިވާ އިންޓާނޭޝަނަލް ޝިޕް އެންޑް ޕޯޓު ސެކިއުރިޓީ ގޭޓް ފެސިލިޓީ ކައިރީގަ އެވެ.
ހިޔާ ހުޅުވުމުގައި މިއަދު އިހަވަންދިއްޕޮޅަށް ބަދަރު ކުރި ޓޭންކާގެ ކުރޫ އިން ބައިވެރިވި އެވެ. މި ހިޔާ އިން ސީމެނުންނަށް ލިބެން ހުރި ހިދުމަތްތަކުގެ ތެރޭގައި ބައެއް ކުޅިވަރު ކުޅުމާއި ރީޑިން ކޯނާ އަކާއި ކޮފީ އަދި ސައި ފަދަ ތަކެތި ލިބުން ފަދަ ހިދުމަތްތައް ހިމެނެއެވެ.
މިޓޭންކާ ގެ ކައްޕި — ޗައިނާގެ ރައްޔިތެއް ބުނި ގޮތުގައި އޭނާގެ ސީމެންސް ގެ ލައިފުގެ ވޭތުވެ ދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި މިއަދު އުތުރު މެރިޓައިމް ސާވިސަސް އިން ލިބުނު ފަދަ ފުރިހަމަ ހިދުމަތެއް ދުނިޔޭގެ އެއްވެސް ޕޯޓަކުން މިހާތަނަށް ލިބިފަކާ ނެތެވެ. އެހެން ކަމުން އެމީހުން ތިބީ ދިވެހި ރާއްޖެ އިން މި ލިބުނު ހިދުމަތްތަކާ މެދު ވަރަށް ބޮޑަށް ހިތް ހަމަ ޖެހިފައި ކަމަށް ބުންޏެވެ.