ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަމަށްވާ ސިމްޑީން ކުރިއަށް ގެންދަން ނިންމައިފައިވާ ގެދޮރާ ބެހޭ މަޝްރޫއުގެ ދަށުން އަައްޑޫން މިހާތަނަަށް މާ ބޮޑު ތަރުހީބެެއް ލިބިފައި ނުވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނީގެ އޮފިޝަލަކު "އައްޑޫ ލައިވް" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ހައުސިން ޕްރޮޖެެކްޓަށް އާންމުންގެ ތަރުހީބު ނުލިބޭ މައިގަނޑު ސަބަބަކީ ގެދޮރު އިމާރާތް ކުރުމަށް އެއް ފަހަރާ ދައްކަން ޖެހޭ ފައިސާގެ އަދަދު ބޮޑުވުން ކަމަށް ގަބޫލް ކުރެއްވޭ ކަމަށެވެ.
އެހެންވެ އަައްޑޫގެ އެއްވެސް ރަށަކުން ރެކްއެސްޓެއް ލިބިފައި ނުވާ ކަމަށް ސިމްޑީން ބުންޏެވެ. އެހެން ނަމަވެސް ބައެއް މީހުން މިކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދާ ކަމަށް އެ ކުންފުނީގެ އައްޑޫ އޮފިޝަލް ވިދާޅުވި އެވެ.
ހިތަދޫގައި އައިއެމްޑީސީގެ ނަމުގައި ހޮސްޕިޓަލެއް ވެސް ހިންގަމުން އަންނަ ސިމްޑީން، ހިތަދޫ ޕަވަ ޕާކް ރެސްޓޯރެންޓް ހުރި ހިސާބުގައި ވަނީ އެ ކުންފުނިން އަޅައިދޭ މޮޑެލެއްގެ ގެއެއް ވެސް އަޅައިފަ އެވެ.
ތިން ކޮޓަރި އާއި ދެ ފާހާނާގެ އިތުރުން ބަދިގެއަކާއި ސިޓިން ރޫމެއް ހިމެނޭ ގޭގެ މަސައްކަތް ނިންމާފައިވާ އިރު، ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ގޭގެ އެތެރޭގައި ކޮށްފައިވާ މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާ އެކު، ފެންވަރު ރަނގަޅުކޮށް ހަދާފައިވާކަން ފާހަގަކުރެވެ އެވެ. މީގެ އިތުރުން ގޭގެ ފުރާޅުގައި ވަނީ ސޯލާ ޕެނަލް ވެސް ހަރުކޮށްފަ އެވެ.
ގެދޮރާ ބެހޭ މަޝްރޫއުގައި ސިމްޑީގެ ފަރާތުން އައްޑޫގައި އިސްކޮށް ހަރަކާތްތެރިވާ ޕްރޮޖެކްޓް މެނޭޖަރު އުސާމާ ހަސަން ލަތީފް ވިދާޅުވީ ދެ ކޮޓަރީގެ ނަމޫނާ ގެއެއް އެޅުމުގެ މައިގަނޑު ބޭނުމަކީ ގެތައް ހުންނަ ގޮތް ވީހާ ވެސް ބޮޑަށް އާންމުންނަށް ދެއްކުން ކަމަށެވެ.
ސިމްޑީން ބުނި ގޮތުގައި އެ ގެ ހަދާފައި ވަނީ ކޮންކްރީޓް ފައުންޑޭޝަނެއް އަޅައި އޭގެ މަތީގައި ބްލޫ ސްކޯޕް ދަގަނޑުން ގޭގެ އޮނިގަނޑު ރާވައިގެންނެވެ. އެ ގޮތުން ބޭރުން ތަކެތި ގެނެސްގެން ރާވައިލާ ގޮތަށް އަޅާ އެ ފަދަ ގެއެއް ހެދުމަށް ނަގާނީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ބާވަތުގެ ގެއެއް ފަންސާސް އަހަރަށް ރަނގަޅު ފެންވަރެއްގައި ހުންނާނެ ކަމަށް ސިމްޑީން ބުނެފައިވާ އިރު، ހިތަދޫގައި ހެދި ނަމޫނާ ގޭގެ މަސައްކަތް ނިންމީ ޗައިނާގެ އިންޖިނޭރެއްގެ އިރުޝާދާ އެކު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސިމްޑީން ބުނި ގޮތުގައި އެ ކުންފުނިން އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ޖޭ ދާހާ މެލޭޝިއާގެ ކުންފުންޏަކާ ގުޅިގެން ކުރިއަށް ގެންދާ ގެދޮރާ ބެހޭ މަޝްރޫއާ ދަށުން ގެ އަޅަން ބޭނުންވާ ފަރާތްތަކުން ބިމުގެ ސައިޒުގެ ބުނެދިނުމުން އެ މީހަކު ބޭނުންވާ ބަޖެޓަކަށް ފެތޭ އަގަކަށް، ގެ ޑިޒައިންކޮށްދޭނެ އެވެ. މީގެ އިތުރަށް އަމިއްލަ އަށް ޑިޒައިންކޮށްގެން ގެނައުމުން އެ ޑިޒައިނަކަށް ވެސް ގެ އިމާރާކޮށްދޭނެ ކަމަށް ސިމްޑީން ބުންޏެވެ.
ސިމްޑީން އަޅައިދޭ އެއް ކޮޓަރީގެ ގެއެއްގެ އަގު އުޅެނީ ގާތްގަކަޑަށް 308،400ރ. ގަ އެވެ. އަދި ދެ ކޮޓަރީގެ ގެއެއް 385،500ރ. އަށް އަޅައި ދޭ އިރު ހަތަރު ކޮޓަރީގެ ގެއެއް އަޅައި ދެނީ ،860 508ރ. އަށެވެ.