މިމަހުގެ 8 ވަނަ ދުވަހުގެ ރޭ ޝަންގްރިއްލާ ރިސޯޓުގެ ރަންފިހާރަ ފަޅާލި މައްސަލައިގެ ތަހްގީގަށް އިތުރު މުވައްްޒަފަކު ހައްޔަރުކޮށްފިއެެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާގޮތުގައި، ފުލުހުން ހައްޔަރުކޮށްފައި ވަނީ އެ ރިސޯޓުގެ ޓްރާންސްޕޯޓް މެނޭޖަރެއްގެ ވަޒީފާއަދާ ކުރަމުން އަންނަ އަހްމަދު ޝިފާއުއެވެ.
ޝިފާއު ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ މައުލޫމާތެއް ސާފުކުރަން ކަމަށް ބުނެ ފެދޫގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ އިންޓެލް މީހެކެވެ. އަދި އޭގެ ފަހުން އޭނާ ގަމު ޕޮލިސް ސްޓޭޝަންގައި ބަންދުގައި ބަހައްޓައި ރޭ ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައެވެ.
ޝަންގްރިއްލާ ރިސޯޓްގެ ރަން ފިހާރަ ފަޅާލާފައިވާ މައްސަލައިގެ ތަހްގީގަށް މިހާރުވެސް އެރިސޯޓުގެ ތިން ދިވެހި މުވައްޒަފުން ބަންދުކޮށް 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގެ ތަހްގީގަށް ބިދޭސީ އެއްވެސް މުވައްްޒަފަކާއި ސުވާލު ކޮށްފައި ނުވާއިރު ރިސޯތްގެ ސެކިއުރިޓީގައި މުޅިވެސް ހިމެނެނީ ބިދޭސީ މީހުންނެވެ. އަދި ރަންފިހާރަ ފަޅާލި ރޭ އެސަރަހައްދުުގައި ހުރި ކެމެރާ ކުރީ "އުޑަށް" އަމާޒުކޮށްފައެވެ.
ޝަންގްރިއްލާ ރިސޯޓްގެ އެންމެ ސެކިއުރިޓީ ވަރަުގަދަ ސަރަހައްދުގައި ހުރި މި ފިހާރަ ފަޅާލި މައްސަލާގައި ސެކިއުރިޓީ ޑިޕާޓްމަންޓްގެ އެއްވެސް ފަރާތަކާއި ސުވާލުކޮށް ތަހްގީގު ނުކުރާއިރު ވަކި ބަޔަކު ހައްޔަރުކޮށް ތަހްގީގު ހިންގާ މައްސަލައާއި ގުޅިގެން ދިވެހި މުވައްްޒަފުން ދަނީ ނަސްލީ ތަފާތުކުތުން ގެންގުޅޭ ކަމަށް ބުނެ ރިސޯޓް މެނޭޖްމަންޓަށް ފާޑު ކިޔަމުންނެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެރޭ ހައްޔަރު ކުރި ޝިފާއު އަކީ އެދުވަހާއި އެރޭވެސް ރިސޯޓްގައި ޑިއުޓީ އަދާކޮށްފައިވާ މުވައްޒަފެއް ނޫނެވެ. އަދި އޭނާ މި މައްސަލާގައި ހައްޔަރު ކުރި ސަބަބެއް އަދި އޮޅުން ފިލާގޮތް ވަނީ ނުވެފައެވެ.
ޝަންގްރިއްލާ ރިސޯޓްގެ ރަން ފިހާރަ ފަޅާލާފައިވާ އިރު ދާދި ފަހުން އެރިސޯޓުން ވަނީ 68،000 ޑޮލަރު ގެއްލިފައެވެ. އެ މައްސަލާގައި އެތަނުގެ ފައިނޭންސްގައި މަސައްކަތް ކުރި ދިވެހި މުވައްޒަފަކު ހައްޔަރު ކުރުމަށް ފަހު ވަނީ ދޫކޮށްލާފައެވެ. އެ މައްސަލާގައިވެސް އެރިސޯޓްގެ ފައިނޭންސްގައި މަސައްކަތް ކުރި ބިދޭސީ އިސް ދެމުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.