Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ބަންކަރިންގެ ހިދުމަތް ހޯދަން އަންނަ ބޯޓުތަކަށް ކުނި އުކައިދެނީ

ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ހޯދަން އަންނަ ބޯޓުތަކުން ކުނި ނެގުމުގެ ހިދުމަތް ވެމްކޯއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމެވެ. އަދި ވެމްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވަޖީހު ވިދާޅުވީ ބަންކަރިންނަށް އަންނަ ބޯޓުތަކަށް ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭނީ ކައިރި ރަށެއްގައި އެކަމަށް ހާއްސަ ފެސިލިޓީއެއް ހެދުމަށްފަހު ކަމަށެވެ. އެކަމުގެ ސަބަބުން އެމްޕީއެލްއަށް އާމްދަނީ ލިބުމުގެ އިތުރުން ވެމްކޯއަށް ވެސް އެކަށީގެންވާ އާމްދަނީއެއް ލިބިގެންދާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.

ބޯޓުތަކުގެ ކުނި މެނޭޖުކުރުމުގެ ހިދުމަތުގެ އިތުރުން ވެމްކޯއިން ވަނީ ބޭނުންކޮށްފައިވާ ތެޔޮ (ޔޫޒްޑް އޮއިލް) މެނޭޖްކުރުމުގެ ހިދުމަތް ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފަ އެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހު އެވެ.