Last Updated: June 12, 17:57
Friday, June 12, 2026
ސިޔާސީ

"ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރީ ހާލަތެއްގައި"

ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ފެބްރުއަރީ 7 ވަނަ ދުވަހު މަގާމުން އިސްތިޢުފާދެއްވަން ޖެހިވަޑައިގެންނެވީ މަޖުބުރީ ޙާލަތެއްގައި ކަމަށް އޭރުގެ ޗީފް އޮސް ޑިފެންސް ފޯސް މޭޖަ ޖެނަރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީ އަށް ދެއްވި ބަޔާނުގައި މޫސާ އަލީ ޖަލިލް ވިދާޅުވީ އެ ދުވަހު ސިފައިންގެ ބޭރާއި އެތެރޭގެ ޚާލަތު ހުރިގޮތުން އިސްތިޢުފާ ދެއްވުން ނޫން އިތުރު އެއްވެސް ގޮތެއް ރައީސް ނަޝީދަށް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ޤައުމާއި ސަރުކާރު ޙިމާޔަތްކޮށް ދަމަހައްޓަން ޖެހޭ ސަލާމަތީ ބާރުތަކުން ޖުމްހޫރީ މައިދާނަށް ނުކުމެ އިސްތިޢުފާ އަށް ގޮވުމުން ވެރިމީހާގެ ބާރެއް އަދި ސަލާމަތެއް ނެތްކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ޕޮލިސް ކަމިޝަނަރުގެ މަޤާމްގައި ހުންނެވި އަޙުމަދު ފަސީޙު ކޮމެޓީ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އަމުރަށް ނުކިޔަމަންތެރިވި ފުލުހުން އަމިއްލައަ ށް، އެ ބަޔަކަށް ފެންނަ ގޮތަކަށް އުޅެން ފެށުމުން އެ މީހުން އެތިބީ ބަޤާވަތެއްކޮށްގެންނޭ ރައީސް ނަޝީދަށް ވެސް އެ ވަގުތުގައި ދެންނެވި ކަމަށެވެ.

ފަސީހު އިތުރަށް ވިދާޅުވީ، އެއްވެސް ޝަރުތެއް ނެތި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުން ނަޝީދު އިސްތިޢުފާ ދެއްވުމަށް މިހާރުގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް އެންގެވި ކަމަށެވެ.

އެމްއެންޑީއެފްގެ އިންޓެލިޖެންސް ބައިގެ ވެރިޔަކަށް ކުރިން ހުންނެވި މުހައްމަދު ނިލާމް ވިދާޅުވީ، މިހާރުގެ ޑިފެންސް މިނިސްޓަރު ނާޒިމާ އެކު ދެއްކެވި ވާހަކައެއްގައި، ފެބްރުއަރީ 7 ގައި ހިންގި އަމަލަށް އިލްމީ ގޮތުން ބަލާއިރު ބަޣާވާތުގެ ހުރިހާ ސިފައެއް ހުރި ކަމަށް ދެންނެވި ކަމަށެވެ.
އެގޮތުން ބަޣާވާތެއް ހިނގުމުގެ ކުރިން ފެންނަ ކަންތައްތަކާއި ބަޣާވާތުގެ ތެރޭގައި ފެންނަ ކަންތައްތައް އަދި އޭގެ ފަހުގެ ކަންކަމުގައި ވެސް އެ ހުރިހާ ސިފައެއް އެބަ އެކުލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.