Last Updated: November 14, 21:35
Thursday, November 14, 2024
ޚަބަރު

މިއީ އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރެއް: އުމަރު

އުމަރު ނަސީރު--

މި ސަރުކާރު އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރަކަށް ބަދަލުވެފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅާއި ގުޅިގެން އުމަރު ވިދާޅުވީ މިއީ ފަހުގެ ތާރީޙެއްގައި ރާއްޖޭގެ ވެރިޔަކު، ކެމްޕޭން ވަޢުދަކާ މިހާފާޅުގައި ޚިލާފްވި ފުރަތަމަ ފަހަރު ކަމަށާއި އެމްޑީޕީގެ ވެރިކަމާ ޕީއެންސީގެ ވެރިކަމުގައި އެއްވެސް ތަފާތެއް ނެތް ކަމަށެވެ.

"އިންޑިޔާގެ ގޮޑިކޮއްކޮ ސަރުކާރަކަށް ބަދަލުވެ، ބުނި ހުރިހާ ކަމަކަށް އެއްބަސްވީއެވެ،" އުމަރު ވިދާޅުވި އެވެ.

މި ސަރުކާރަށް އިންޑިއާގެ އަސްކަރިއްޔާ ފޮނުވާނުލެވުނުތާ، ކުރީ ސަރުކާރުތަކުން އެއްބަސްނުވެވިފައި ހުރި ކަންކަމަށް ވެސް އެއްބަސްވެ އަމާންދީފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައި އެގައުމާއެކު ތަފާތު އެކި ދާއިރާތަކުން މުހިއްމު ގިނަ އެއްބަސްވުންތަކެއް ސޮއިކޮށްފަ އެވެ.

މޯދީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި އަދި ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ.