Last Updated: July 17, 15:06
Friday, July 17, 2026
ޚަބަރު

ޑިވެލޮޕްމަންޓް ބޭންކަށް ލައިސެންސް ދޫކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ރާއްޖޭގައި މުޅިން އަލަށް ޤާއިމްކުރާ ޑިވެލޮޕްމަންޓް ބޭންކަށް ލައިސެންސް ދޫކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިކަމާ ގުޅޭ ލައިސެންސް ހަވާލުކޮށްފަ އެވެ. މި ލައިސެންސްއާ ހަވާލުވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

ޑިވެލޮޕްމެންޓް ބޭންކު އުފައްދަން ހުއްދަ އަށް އެދި އިކޮނޮމިކް މިނިސްޓްރީން އެމްއެމްއޭ އަށް ހުށަހެޅީ މިދިޔަ ޖުލައި މަހުގެ 28 ގަ އެވެ.

އެ ބޭންކުގެ އިސް މަގާމުތަކަށް ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި ބޭރުގެ ތަޖުރިބާކާރުންތަކެއް ވެސް އައްޔަންކޮށްފައިވެ އެވެ. އެގޮތުން ސީއީއޯގެ މަޤާމަށް އައްޔަންކިރީ އިނގިރޭސިވިލާތުގެ ނޮއެލް ގްރެގާ އެވެ. އަދި ޗެއާޕާސަނަކަށް އައްޔަންކުރީ ސިންގަޕޫރުގެ އަރޫނީ ގުނިޓެލެކީ އެވެ.

މި ބޭންކު ހުޅުވުމުން، ރާއްޖޭގެ މާލީ ދާއިރާއަށާއި ތަރައްޤީގެ އެހެނިހެން ދާއިރާތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ސަރުކާރުން ބުނެ އެވެ. ޚާއްޞަކޮށް ޓޫރިޒަމް އިންޑަސްޓްރީގައި ރިސޯޓް ހެދުމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި ރިއަލްއެސްޓޭޓާއި ހައުސިންގ ފަދަ ދާއިރާތަކުން އިންވެސްޓުކުރާނެ ފަރާތްތަކަށް މުހިންމު ހަބެއްގެ ގޮތުގައި މި ބޭންކު ވެގެންދާނެ ކަމަށްވެސް ސަރުކާރުން ބުނެ އެވެ.