Last Updated: June 12, 17:57
Friday, June 12, 2026
މުނިފޫހިފިލުވުން

ސަލްމާނާއި ސޮނާކްޝީ އާ ދެމެދު މައްސަލަ ޖެހުނީތަ؟

ސަލްމާން ހާންގެ "ދަބަންގް" އިން ބޮލީވުޑަށް ތައާރަފްވި ސޮނާކްޝީ ސިންހާ އާއި ސަލްމާނާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން އެ ދެ ތަރިން އަދި އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ. އެކަމަކު ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން ސޮނާކްޝީ އާއި ސަލްމާނާ ދެމެދު ކޮންމެވެސް ވަރެެެއްގެ ކުންފުންޏެއް ވަނީ ޖެހިފަ އެވެ.

އަދި އެކަން އެގޮތަަށް ދިމާވީ ސަލްމާންގެ ކޮއްކޮ ސުހައިލް ހާންގެ ސެލެބްރިޓީ ކްރިކެޓް ލީގް (ސީސީއެލް) ގެ ޕްރޮމޯޝަނަލް ފޭސްއަކަށް ސޮނާކްޝީގެ ބަދަލުގައި ބަތަލާ ކަންގަނާ ރަނާވަތު ހަމަޖެއްސުމުންނެވެ. މިކަން ސޮނާކްޝީ އަށް ހަޖަމް ނުކުރެވުނީ އެވެ. މީގެ ކުރިން ސޮނާކްޝީ އެ ލީގްގެ ކަންތައްތަކުގައި ވަރަށް ގާތުގައި މަސައްކަތްކޮށްފަ އެވެ.

ސޮނާކްޝީ ސީސީއެލްގައި މި ފަހަރު ނުހިމެނޭކަން އެ ފަރާތުން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން ކޮމެންޓެއް ކުރާކަށް ސީސީއެލްއަކުން ބޭނުމެެއް ނުވެ އެވެ. އެހެންވެ ސުވާލަކީ ހަމަ ހަގީގަތުގައި ވެސް ސަލްމާނާއި ސޮނާކްޝީ އާ މެދު މައްސަލަ ޖެހުނީ ބާވަ އެވެ؟ މިއީ އަދި ޖަވާބެއް ނެތް ސުވާލެކެވެ. ވާ ގޮތެެއް ބަލަން ތިބެމާ ހިނގާށެވެ.