ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ފުރަތަމަ ބޭނުން ކުރި ރަންވޭ މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މިހާރު ޓެކްސީވޭގެ ގޮތުގައި ބޭނުންކުރާ އެތަން މަރާމާތުކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ އެވެ.
މިކަމުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ. ބީޔޫސީޖީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ލުއޯ ވޭއި އެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައިވާ ގޮތުން އެ މަސައްކަތް ނިންމަންޖެހެނީ 2027 ވަނަ އަހަރުގެ މެދުތެރެއަށެވެ. އެ ރަންވޭގައި 3،200 މީޓަރު ހުންނައިރު، އެ ތަން ތަރައްގީ ކުރާނީ ޕެރެލަލް ޓެކްސީވޭއެއްގެ ގޮތުގައި ޒަމާނީ ފެންވަރަށެވެ.
މިއީ މިއަހަރުގެ ޖެނުއަރީ މަހު އިފްތިތާހު ކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ވީއައިއޭ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ނިމިގެންދާއިރު ވީއައިއޭ އިން އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.