އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ގައުމީ އެއާ އެމްބިއުލާންސްގެ ހިދުމަތަށް 16 މިލިއަން ރުފިޔާގެ ހާއްސަ މެޑިކަލް އިކުއިޕްމަންޓްތައް ހަދިޔާކޮށްފި އެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިއަދު ހަދިޔާކުރި ސްޕެޝަލައިޒްޑް އިކުއިޕްމަންޓްގެ ބެޗަކީ ދަތުރުމަތީގައި ބަލިމީހުންގެ ފަރުވާ ރަނގަޅުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ހަރުދަނާ ގޮތެއްގައި އިޖާބަ ދިނުމުގެ ހިދުމަތުގެ ގާބިލްކަން ފުޅާކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ބެޗެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އުރީދޫއިން އެއާ އެމްބިއުލާންސް ހިދުމަތަށް ފޯރުކޮށްދިން މި އަގުހުރި އެހީއަކީ ވިޔަފާރިތަކުން އިންސާނިއްޔަތުކަމަށް އިސްކަންދީގެން މަސައްކަތް ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށެވެ.
"ރާއްޖޭގެ ސިއްހީ ހިދުމަތަށް އިންވެސްޓްކޮށްގެން، ތިޔަބޭފުޅުން އިންވެސްޓް ކުރައްވަމުން ގެންދަވަނީ، ކޮންމެ ދިވެއްސަކަށް ވެސް، އަޅާލާ، އަގުވަޒަންކޮށް، ރައްކާތެރިކަން އިހްސާސްކޮށްދީގެން. ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޯލްޑް ސްޓޭންޑަޑެއް ތިޔަބޭފުޅުން ކަނޑައަޅުއްވައިފި،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވަނީ އެހެން ފަރާތްތަކުން ވެސް މުޖުތަމައުގެ ފައިދާއަށް މަސައްކަތް ކުރުމުގައި އުރީދޫ ނަމޫނާއަކަށް ބެލުމަށް އެދިވަޑައިގެންފަ އެވެ.
އުރީދޫގެ ސީއީއޯ ޚާލިދު އަލް-ހަމާދީ ވިދާޅުވީ މުޖުތަމައުގެ އެންމެ މުހިންމު ބޭނުންތައް ފުއްދުމައްޓަކައި ޕާޓްނަރޝިޕްތަކަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އުރީދޫ އިން ގަބޫލުކުރާ ކަމަށެވެ. އަދި ސިއްހީ ހިދުމަތަކީ އަސާސީ ހައްގެއް ކަމަށްވުމާއިއެކު، އެއަރ އެމްބިއުލާންސްގެ ހިދުމަތް ފަދަ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމާއި ގުޅިފައިވާ މަސައްކަތްތައް އެހީ ފޯރުކޮށްދިނުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަކީ ފަޚުރުވެރިވާ ކަމެއް ކަމުގައި ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ފަރާތުން ގާތްގަނޑަކަށް 16 މިލިއަން ރުފިޔާގެ މިއިންވެސްޓްމަންޓަކީ، ވަކި ސަރަހައްދަކަށް ބެލުމެއްނެތި، ކޮންމެ މީހަކަށްވެސް، ބޭނުންވެއްޖެ ހިނދެއްގައި ކްރިޓިކަލް ކެއަރ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމެއް. އަޅުގަނޑުމެން އެންމެން ގުޅިގެން، އަޅުގަނޑުމެންގެ މުޖުތަމަޢުތަކާ އެއްބައިވެގެން، ސިއްހީ ހިދްމަތް ކުރިއެރުވުމަށް މަގުފަހިކޮށްދީ، އަދި މިފަދަ ހައްލެއް އެންމެ ބޭނުން ޖެހިފައިވާ ދާއިރާއަށް އިންވެސްޓްކޮށްގެން، ދުޅަހެޔޮ، ހަރުދަނާ ޤައުމެއް ބިނާކުރުމަކީ އަޅުގަނޑުމެން އަހައްމިއްޔަތުކަންދޭ ކަމެއް. " ޚާލިދު އަލް-ހަމާދީ ވިދާޅުވި އެވެ.
ސިއްހީ ހިދުމަތަށް އެހީވުމަކީ އުރީދޫގެ ސީއެސްއާރްގެ މައިގަނޑު އެއް ތަނބު ކަމުގައި އެ ކުންފުނިން ހާމަކުރެ އެވެ،
އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކުގެ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދު ވެސް މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ.