އިންގްލެންޑްގެ ގައުމީ ޓީމުގެ ކޯޗު ކަމުގެ މަގާމަށް ތޯމަސް ޓުޗެލް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
އިންގްލެންޑްގެ ކޯޗު ކަމުގެ މަގާމުގައި ހުރި ގެރެތް ސައުތްގޭޓް އެންމެފަހުން ބޭއްވި ޔޫރޯ އަށް ފަހު މަގާމު ދޫކޮށްލާފައިވާއިރު، އެޓީމުގެ ކޯޗު ކަމުގެ މަގާމު ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު ލީ ކާސްލީއާ އެވެ.
ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް އިންގްލެންޑުން ފަށާފައިވާއިރު، ރިޕޯޓުތައް ބުނާގޮތުން މި މަގާމަށް އައުން މިހާރު އެންމެ ގާތީ ޓުޗެލް އެވެ. އެގޮތުން އިނގިރޭސި ފުޓްބޯޅަ އިދާރާ އިން ޓުޗެލްއާއެކު މިކަމާ ގުޅޭ މަޝްވަރާތައް ފަށާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
ކޯޗިންގެ ދާއިރާއާ ދުރުގައި މިވަގުތު ހުރި ޓުޗެލް އެންމެފަހުން ކޯޗުކޮށްދިނީ ބަޔާން މިއުނިކަށެވެ. ނަމަވެސް މިދިޔަ މިދިޔަ ސީޒަނަށް ފަހު އޭނާ ވަނީ އެ ކްލަބު ދޫކޮށްލާފަ އެވެ.
ޓުޗެލް ،51، މީގެކުރިން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް ވެސް ކޯޗުކޮށްދީފަ އެވެ. އެ ކްލަބުގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ ޗެމްޕިއަންސް ލީގަކާއި، ޔޫއެފާ ސުޕަ ކަޕެއްގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕެއް ކާމިޔާބުކޮށްދީފަ އެވެ.
އިންގްލެންޑްގެ ކޯޗުކަން ޓުޗެލް އަށް ދީފިނަމަ އޭނާ ވެގެންދާނީ އިންގްލެންޑްގެ ގައުމީ ޓީމާ ހަވާލުވާ ތިންވަނަ ބިދޭސީ ކޯޗަށެވެ. މީގެކުރިން އެ ޓީމަށް ކޯޗުކޮށްދިން ބިދޭސީ އަނެއް ދެ ކޯޗުންނަކީ ސްވެން ގޯރަން އެރިކްސަން އާއި ފަބިއޯ ކަޕެއްލޯ އެވެ.