މިއަހަރުގެ ރަަމަޟާން މަހާއި ކުރިމަތިލިއިރު އައްޑޫގެ ގިނަ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ގޭތެރޭގައި އުފެދޭ ކުނި އުކާލެވޭނެ ގޮތެއް ނެތުމެވެ. މީގެ ކުރިން ކުނި ނަގަން ހަވާލުވެފައިވާ ކުންފުންޏާއި ކައުންސިލާއި ދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ، އެކަމަށް އިތުރު ބަޔަކު އައްޔަން ނުކުރެވި އޮތުމެވެ.
ކައުންސިލުން "ކަރަޕްޝަނަށް" މަގުފަހިވާ ގޮތަށް އަވަސް އަރުވައިގެން "ޒެޑް ކޯޕަރޭޝަނާއި" އެކު ކުނި ނަގަން ހަވާލުކުރަން ހެދި އެއްބަސްވުމުގައި ސޮއި ކުރަން އޮތްވާ އޭސީސީން ވަނީ އެކަން ހުއްޓުވާފައެވެ. ދެން އިވިގެން ދިޔައީ ސަރުކާރުން އެންވައިރަމެންޓް މިނިސްޓްރީން އައްޑޫގެ ކުނި ކޮށި ބެލެހެއްޓުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާއި ހަވާލު ކުރި އަޑެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ މީހުން ގޯތި ތެރެ ސާފުކޮށް، އުކާލަން ޖެހޭ ސާމާން ގެއިން ބޭރަށް ނެރެފައިވަނީ ރޯޑް ކޯޕަރޭޝަންގެ އެދިގެންނެވެ. ހިތަދޫ އާއި ގުޅިފައިވާ ރަށްތަކުގެ ގެތަކުން ނެރުނު ކުނި ތައް ހީވާގި ކަމާއި އެކު ރޯޑް ކޯޕަރޭޝަންގެ މުވައްޒަފުން ނަގަމުން ދިޔަ ތަން ވަނީ ފެނިފައެވެ.
ނަމަވެސް އަދިވެސް ގިނަ ގޭގެއިން ނެރުނު ކުނިތައް ހުރީ ނުނެގި މަގުމަތީގައެވެ.
ރޯޑް ކޯޕަރެޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ، ކުނި ނެގުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށާއި މާދަމާގެ ނިޔަލަށް ހިތަދޫގެ ހުރިހާ ހިސާބެއްގެ ކުނި ކުނި ކޮށްޓަށް ޖަމާ ކުރެވޭނެ ކަމަށެވެ.
ރޯޑް ކޯޕަރޭޝަނުން ކުނި ނަގަން ފަށާފައިވަނީ ތިން ހަފްތާގެ މެދު ކެޑުމަކަށް ފަހުއެވެ. އަދި މި ދުވަސްކޮޅަކީ ގިނަ އަދަދެއްގެ ކުނި ގޭގެއިން ބޭރު ކުރާ ދުވަސްކޮޅެކެވެ.