ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން ކަމަށްވާ ބިއޯންޑްގެ ފްލީޓަށް އިތުރު ބޯޓެއް ގެނެސްފި އެވެ.
ބިއޯންޑުގެ ފްލީޓަށް ދެ ވަނައަށް ގެނެސްފައިވަނީ އެއާބަސް އޭ321 މަރުކާގެ ބޯޓެކެވެ. އެ އެއާލައިނުގައި ފުރަތަމަ ބޭނުން ކުރަމުން ގޮސްފައިވަނީ އޭ319 މަރުކާގެ ބޯޓެކެވެ.
ބިއޯންޑް ދަތުރުތައް ރަސްމީކޮށް އިފުތިތާހުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 9 ގަ އެވެ. އޭގެ ފުރަތަމަ ދަތުރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވީ ރާއްޖެ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު އެވެ. މި އެއާލައިނުން މިހާރު ރާއްޖެ އަށް ޝެޑިއުލް ދަތުރުތައް ބާއްވާ ގައުމުތަކުގެ ތެރޭގައިި ސައުދީ އަރަބިއްޔާ، ޔޫއޭއީ، ޖަރުމަން، އިޓަލީ، ތުރުކީ އަދި ސްވިޓްޒަލޭންޑް ހިމެނެ އެވެ.
ބިއޯންޑް އަކީ ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ އާއިލީ ވިޔަފާރި ކުންފުނި ސިމްޑީ އާއި ޔޫއޭއީގެ އަރަބެސްކް ގުޅިގެން އުފައްދާފައިވާ އެއާލައިނެކެވެ.