Last Updated: July 14, 13:49
Tuesday, July 14, 2026
ދުނިޔެ

ހަމާސްގެ އާ ލީޑަރު އަވަހާރަކޮށްލައިފި

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުންދާ ހަމާސް ޖަމާއަތުގެ އާ ލީޑަރު ޔަހްޔާ ސިންވާރް އަވަހާރަކޮށްލައިފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ ސިންވާރް އަވަހާރަކޮށްލާފައިވަނީ ގާޒާގެ ދެކުނުގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަނުގައި ހަމާސްގެ އިތުރުން ތިން މީހަކު ވެސް މަރުވެފައިވާ ކަމަށް އިޒްރޭލުން ބުނެ އެވެ.

ނަމަވެސް މިކަމާ ގުޅޭގޮތުން ހަމާސް ޖަމާއަތުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ސިންވާރު ،61، ހަމާސްގެ ލީޑަރު ކަމަށް ހަމަޖެއްސީ އެ މަގާމުގައި ހުންނެވި އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. ހަނިއްޔާ އަވަހާރަކޮށްލީ އީރާންގެ އާ ރައީސް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް އޭނާ ހުންނެވި ގެޔަށް ހަމަލާ ދީގެންނެވެ.

ސިންވާރަކީ އިޒްރޭލުގެ "ވޯންޓެޑް ލިސްޓު"ގެ އެންމެ ކުރީގައި އޮތް ފަރާތެވެ. އިޒްރޭލުން ތުހުމަތު ކުރާ ގޮތުގައި އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގެ މޭސްތިރިޔަކީ ސިންވާރެވެ. އޭނާ އަކީ އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓުގައި ވެސް ހިމެނޭ ފަރާތެކެވެ.