އައްޑޫއަށް ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން އައްޑޫ އިންޖީނުގެއަށް ބޭނުންވާ ދެ މެގަ ވޯޓު ދެ އިންޖީނު މާލެ ގެނެސް އައްޑޫއަށް ފޮނުވުމަށް ބޯޓަށް އަރުވައިފިއެވެ.
ރޭ މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފޭދޫ ދާއިރާގެ މަޖްލިސް މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ، އައްޑޫ އިންޖީނުގެއަށް ފޮނުވަން ހަމަޖެހިފައިވާ 5 ޖަނެރޭޓަރުގެ ތެރެއިން މީގެ ކުރިން 1 މެގަވޮޓްގެ 3 ޖަނަރޭޓަރު ފޮނުވާފައިވާ ކަމަށާއި، ދެ މެގަ ވޯޓުގެ ދެ އިންޖީނު މިހާރު ބޯޓަށް ލޯޑު ކުރެވުނީ ކަމަށެވެ.
އިބްރާހިމް ދީދީ ވިދާޅުވީ، މި ޖަނަރޭޓަރުތައް ބެހެއްޓުމުން މަރުކަޒީ އިންޖީނުގޭގެ ކެޕޭސިޓީ 6 މެގަ ވޮޓުން 13 މެގަ ވޮޓަށް އިތުރުވެގެންދާނެ ކަމަށެވެ.
އައްޑޫގެ މަރުކަޒީ އިންޖީނުގޭގައި މިހާރު ބޭނުން ކުރަމުން އަންނަ ޖަނަރޭޓަރުތައް ފުރިހަމައަށް ސާވިސް ނުކުރެވޭތީ ދޭތެރެ ދޭތެރެއިން ގުޅިފައިވާ ރަށްތަކުން ކަރަންޓް ކަނޑާލަން ޖެހެއެވެ. އެގޮތުން މިދިޔަ ރޯދަމަހުވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ވަނީ ކަރަންޓް ކަނޑާލާފައެވެ.