ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ތިން ދުވަހަށް ގޭ ބަންދަށް ބަދަލުކޮށްފިއެވެ.
ކަރެކްޝަނަލް ސާރވިސްގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި ވަގުތީ ގޮތުން ނަޝީދު ގޭބަންދަށް ބަދަލުކުރީ އެ މަނިކުފާނު މިއަދު ޑޮކްޓަރަށް ދެއްކުމުން، ޓެސްޓްތަކެއް ހަދަންޖެހޭ ކަމަށް ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ. އެ ޓެސްޓްތައް ހަދަން ތިން ދުވަސް ނަގާނެ ކަމަށް ޑޮކްޓަރުން ލަފާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެެވެ.
ނަޝީދު ވަގުތީ ގޮތުން ގެ އަށް ބަދަލުކުރުމަށް ނިންމެވީ، ހޯމް މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. ރައީސް އަބްދުﷲ ޔާމީން އަދީބާ އެ މިނިސްޓްރީ މިއަދު ހަވާލުކުރެއްވީ، އެނގިފައިވާ ގޮތުގައި، ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ސިންގަޕޫރަށް ވަޑައިގަންނަވާތީ އެވެ.
އަދީބު ހޯމް މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުރެ ނަޝީދު ގޭބަންދަށް ބަދަލު ކޮށްފައިވާއިރު، ނައިބް ރައީސް ކަމުގެ މަޤާމުން ޑރ.ޖަމީލު ވަކިކުރުމަށް އެމްޑީޕީ އާއި ސަރުކާރުން ޑީލެއް ހަދާފައިވާ ކަން ސަރުކާރުގެ އިސްއޮފިޝަލަކު ވަނީ 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައެވެ.
ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުންގެ ވާހަކަތަކަށް ބަލާއިރު ނައިބު ރައީސް ކަމުގެ މަޤާމަށް އަދީބު ގެނައުމަށް ރައީސް ޔާމީން ވެސް ބޭނުންފުޅުވެއެވެ. އަދި މިކަމުގައި އެމްޑީޕީއިން އެހީތެރިވެއްޖެ ނަމަ ރައީސް ނަޝީދު ގޭބަންދަށް އެއްކޮށް ބަދަލު ކުރުމަށް ސަރުކާރާއި އެމްޑީޕީ އާއި ދެމެދު ވާހަކަ ދެކެވިފައިވާ ކަމަށް ވެއެވެ.
ނަޝީދު ގޭބަންދަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމުގެ ޚަބަރު މީގެ ދުވަސްކޮޅެއް ކުރިން 'އައްޑޫލައިވް' އިން ވާނީ ގެނެސްދީފައެވެ.

ގޭބަންދުގެ މުއްދަތުގައި ރައީސް ނަޝީދު ހުންނަވަނީ މ. ޔާގޫތުގޭގައެވެ. އެއީ އެމަނިކުފާނުގެ އަނބިކަނބަލުންގެ ގެކޮޅެވެ.
ޖަލަށްލިފަހުން ތަފާތު އެކި ފަހަރުމަތިން ރައީސް ނަޝީދު މާލެގެނެސް ޑޮކްޓަރަށް ދައްކާފައިވެއެވެ. ނަމަވެސް އެމަނިކުފާނުގެ ސިއްހީ ހާލަތުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.