އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބޯންމަތް އަތުން 2-0 އިން އާސެނަލް ބަލިވެއްޖެ އެވެ.
މި ނަތީޖާއާއެކު އާސެނަލް އޮތީ 8 މެޗުން ލިބުނު 17 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވެސް 17 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. އެއްވަނައިގައި ހަތް މެޗުން 18 ޕޮއިންޓް ހޯދައިގެން އޮތީ ލިވަޕޫލް އެވެ.
މިއީ މި ސީޒަނުގައި އާސެނަލް ބަލިވި ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެ އެވެ.
ބޯންމަތްގެ ދަނޑުގައި ކުޅުނު މި މެޗުގެ 30 ވަނަ މިނެޓްގައި އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާ އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބޮޑު ބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކު އެވެ. ސަލީބާ އަށް ރަތްކާޑު ދެއްކީ ބޯންމަތްގެ އެވަނިލްސަން އަށް ކުރި ފައުލަކާ ގުޅިގެންނެވެ. މި ރަތްކާޑާއެކު ސަލީބާ އަށް ލީގުގައި އާސެނަލުން އަންނަ ހަފްތާގައި ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ.
މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ބޯންމަތަށް މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަޔަން ކްރިސްޓީ އެވެ. މި ގޯލު އޭނާ ކާމިޔާބު ކުރީ އާސެނަލްގެ އޭރިއާގެ ތެރޭ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ. ބޯންމަތުން ކާމިޔާބުކުރި ދެވަނަ ގޯލު ޖަސްޓިން ކްލައިވެޓް ކާމިޔާބު ކުރީ މެޗުގެ 79 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އާސެނަލްގެ ކީޕަރު ޑޭވިޑް ރަޔާ އެވަނިލްސަން އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޓޮޓެންހަމުން ވަނީ 4-1 އިން ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި 2-1 އިން ބްރެންޓްފޯޑް ބަލިކުރިއިރު، ލެސްޓަ ސިޓީން ވަނީ ފަހު ވަގުތު 3-2 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. އެސްޓަންވިލާ އިން 3-1 އިން ފުލަމްގެ މައްޗަށް ކުރި ހޯދިއިރު، އެވަޓަން އިން ވަނީ 2-0 އިން އިޕްސިވިޗް ބަލިކޮށްފަ އެވެ. އަދި ބްރައިޓަން އިން ވަނީ 1-0 އިން ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފަ އެވެ.