ސްޕެނިޝް ލީގުގައި ރޭ ސެލްޓަވީގޯގެ މައްޗަށް 2-1 އިން ރެއާލް މެޑްރިޑުން ކުރި ހޯދައިފި އެވެ.
މި މޮޅާއެކު ރެއާލް އޮތީ 10 މެޗުން ލިބުނު 24 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި ރެއާލަށް ވުރެ އެއް މެޗު މަދުން ކުޅެގެން އޮތް ބާސެލޯނާ އަށް ވެސް ހަމަ އެ އަދަދަށް ވަނީ ޕޮއިންޓު ލިބިފަ އެވެ. ބާސާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ބާސާ އިން މިރޭ ލީގުގައި ސެވިއްޔާއާ ދެކޮޅަށް ނިކުންނާނެ އެވެ.
ސެލްޓާގެ ދަނޑުގައި ކުޅުނު މި މެޗުގެ 20 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ. މިއީ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން އެމްބާޕޭ ކާމިޔާބު ކުރި ގޯލެކެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލްގެ ލީޑު ފުޅާކޮށްލަން ވިނީޝަސް ޖޫނިއާ އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.
ރެއާލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، މެޗުގެ 51 ވަނަ މިނެޓްގައި ވިލިއޮޓް ސްވެޑްބާގް ވަނީ ސެލްޓާ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި މެޗުން މޮޅުވި ގޯލު ރެއާލަށް މެޗުގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވިނީޝަސް ކަމަށްވާއިރު، މިއީ ސެލްޓާގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ބާސެލޯނާއާ އެވެ.