Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

ހިޔާވަހި ފައިނޭންސިން ސްކީމްގައި ބީއެމްއެލް ބައިވެރިވެއްޖެ

ސަރުކާރުގެ ހިޔާވަހި ފައިނޭންސިން ސްކީމުގެ ބައިވެރިއެއްގެ ގޮތުގައި ހައުސިން މިނިސްޓްރީއާ އެކީ ބީއެމްއެލް އިން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޯޔޫގައި ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ހައުސިން މިނިސްޓަރު ހައިދަރު ވިދާޅުވީ މިއީ ރާއްޖޭގައި ބޯހިޔާވަހިކަން ހޯދުމަށް ލިބޭ ވަރަށް ބޮޑު އެހީއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި މި ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.

މި ސްކީމްގެ ދަށުން ދެ ކެޓަގަރީއަކުން ލޯނު ދޫކުރަން ހަމަޖެހިފައިވެ އެވެ. އެއީ މާލެ ސަރަހައްދާއި އާބަން ސެންޓަރުތަކަށް ހާއްސަކޮށްގެން ދޫކުރާ ލޯންގެ އިތުރުން އެ ނޫން ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ދޫކުރާ ލޯން ކެޓަގަރީއެވެ. މާލެ ސަރަޙައްދާއި އާބަން ސެންޓަރުތަކަށް ލޯނު ދޫކުރަން ހަމަޖެހިފައި ވަނީ 3 މިލިއަން ރުފިޔާއާ ހަމައަށެވެ. އަދި އެ ނޫން ސަރަހައްދުތަކަށް ދޫކުރާނީ 1 މިލިއަން ރުފިޔާގެ ލޯނެވެ.

ދެ ކެޓަގަރީން ވެސް ލޯން ދައްކައި ހަލާސްކުރަން 25 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.