އިންޑިއާގެ މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މަޝްހޫރު އެކްޓަރު އައްލޫ އަރުޖުންގެ "ޕުޝްޕާ 2: ދަ ރޫލް" އަށް އާ ތާރީހެއް ހަމަޖައްސައިފި އެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަން މިހާރު ތާވަލުކޮށްފައި ވަނީ ޑިސެމްބަރު 5 ގަ އެވެ. މިއީ "ޕުޝްޕާ 2" ގެ ތާރީހު ބަދަލުކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި ފިލްމު ބެލުންތެރިންްނަށް ގެނެސްދޭން ނިންމީ އޮގަސްޓް 15 ގަ އެވެ. އޭގެ ފަހުން ތާރީހު ޑިސެމްބަރު 6 އަށް ބަދަލުކުރި އެވެ.
ނަމަވެސް މިހާރު ނިންމާފައި ވަނީ އޭގެ އެއް ދުވަސް ކުރިން ޑިސެމްބަރު 5 ގައި ސިނަމާތަކަށް ފިލްމު ދޫކޮށްލާށެވެ.
"ޕުޝްޕާ 2" އަކީ 2021 ގައި ރިލީޒްކޮށް ބޮޑު ތަރުހީބެއް ހޯދި ތެލެގޫ ފިލްމު "ޕުޝްޕާ" ގެ ދެވަނަ ބައެވެ. ސުކުމާރު ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމުގައި ފުރަތަމަ ބައިގެ މުހިއްމު ކާސްޓުން ހިމެނޭނެ އެވެ. އެގޮތުން އައްލޫއާ އެކީ މި ފަހަރު ވެސް ބަތަލާގެ ރޯލުން ފެންނާނީ ރަޝްމިކާ މަންދަނާ އެވެ.