އަންނަ އަހަރު އައްޑޫ ސިޓީގައި ޓޫރިޒަމް ސިމްޕޯޒިއަމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ޓޫރިޒަމް ބްރޭންޑް ލޯންޗު ކުރަން ކެނަރީފް ރިސޯޓުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ފައިސަލް ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި އައްޑޫގައި ޓޫރިޒަމް ސިމްޕޯޒިއަމެއް ބާއްވާނެ ކަމަށާއި އެ އިވެންޓް ލީޑު ކުރާނީ އެމްއެމްޕީއާރްސީން ކަމަށެވެ. އެ ސިމްޕޯޒިއަމަށް ޗައިނާ އާއި އިންޑިއާގެ ޓުއާ އޮޕަރޭޓަރުންނާއި އަދި ބައެއް އެއާލައިންތަކާއި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
އަދި ދެކުނުގައި ޓޫރިޒަމްގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް ވެސް މި ސިމްޕޯޒިއަމްގައި ބައިވެރިކުރާނެ ކަމަށާއި މި ސިމްޕޯޒިއަމް ވެގެންދާނީ އައްޑޫގެ ޓޫރިޒަމް ތަރައްގީވުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅަކަށް ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
"އެ މަސައްކަތް މި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނުވަތަ ދެވަނަ ކުއާޓަރުގައި އައްޑޫގައި ބާއްވާނަން،" ފައިސަލް ވިދާޅުވި އެވެ.
އައްޑޫގެ އިތުރުން މިފަދަ ސިމްޕޯޒިއަމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ކުރިއަށް އޮތް އަހަރުތަކުގައި ބާއްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
މީގެއިތުރުން ފައިސަލް ވަނީ އައްޑޫގައި ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެންނަން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން ޝަންގްރިއްލާގެ އިސް ފަރާތްތަކާއި ތަފާތު އެކި ފަހަރުމަތިން ބައްދަލުވުންތައް ބާއްވާފައިވާ ކަމަށާއި ޝަންގްރިއްލާ އޮޕަރޭޝަނަށް ގެންނަން އިހުލާސްތެރިކަން ސަރުކާރުގައި އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.
ޝަންގްރިއްލާ ބަންދުކޮށްފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާކަން ފާހަގަކުރައްވަމުން ފައިސަލް ވަނީ އެތަނުގެ މަރާމާތަށް އެތައް މަސްތަކެއް އަދި ނަގާނެ ކަމަށާއި އެ ރިސޯޓު އަލުން ހުޅުވަން މެދުކެނޑުމެއް ނެތި މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.