ރާއްޖެ އަށް ހޮންޑާ ސައިކަލް އެތެރެކޮށް ވިއްކާ ހޮންޑާ މޯލްޑިވްސް (ޝީޝާ) ގެ ސާވިސް ސެންޓަރެއް ފުވައްމުލަކުގައި ހުޅުވައިފި އެވެ.
ޝީޝާ އިން ފުވައްމުލަކުގައި ސާވިސް ސެންޓަރެއް ހުޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ކުލަގަދަ ހަލްފާއެއްގަ އެވެ. މި ހަފްލާގައި ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ އަދި ޝީޝާގެ ސީއީއޯ އިބްރާހިމް ހުޝާމް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ހަފްލާގައި ވާހަކަދައްކަމުން ޝީޝާގެ ސީއީއޯ ވިދާޅުވީ މި ސާވިސް ސެންޓަރަކީ ފުވައްމުލަކުގައި އުޅޭ ހޮންޑާގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި ފުވައްމުލަކުގެ މަގުތައް ހެދިގެން ދިޔުމާއެކު ސައިކަލަށް ދޭންޖެހޭ ހާއްސަ އެހީ މި ސާވިސް ސެންޓަރުން ލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ރާއްޖޭގައި ސައިކަލު ދުއްވާ ފަރާތްތަކުގެ 90 ޕަސެންޓަކީ ހޮންޑާ ބްރޭންޑުގެ ސައިކަލު އިހުތިޔާރު ކުރާ ބައެއްކަން ފާހަގަކުރަމުން ހުޝާމް ވިދާޅުވީ މީގެއިން ވެސް ދޭހަވަނީ ހޮންޑާ އަށް އޮތް އިތުބާރު ރާއްޖޭގައި ބޮޑުކަން ކަމަށެވެ.
ޝީޝާ އިން ބުނީ މި ސާވިސް ސެންޓަރުން ހޮންޑާ ސައިކަލްތަކުގެ ޖެނުއިން ޕާޓްސްތަކާއި ޑައިގްނޯސްޓިކް ޓޫލްސް ކަހަލަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެންމެ ފުރިހަމަ ސާވިސް ލިބޭނެ ކަމަށެވެ.

ހިދުމަތް ދިނުމުގައި ހަރަކާތްތެރި ވާނީ ފުރިހަމަ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މެކޭނިކުން ކަމަށް ވެސް ޝީޝާ އިން ބުންޏެވެ.
ޝީޝާ އަކީ ރާއްޖޭގެ ހޮންޑާ ސައިކަލު އަދި ޕަވާ ޕްރޮޑަކްޓްސް އެތެރެކޮށް މާކެޓް ކުރާ ހަމައެކަނި އޮތޮރައިޒްޑް ސޯލް ޑިސްޓްރިބިއުޓާ އެވެ.