މިއަދު ހެނދުނު ހިތދަޫ ބޮޑުމަގުގައި ހުންނަ ސިޓީ ސެންޓްރަލް ކުރިމަތިން ބާރު ސްޕީޑްގައި ދިޔަ ސައިކަލެއް، މަގުގެ ސްޕީޑް މަތަކުރަން ފުލުހުން ޖަހާފައިވާ ބެރިކޭޑެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި ބޮލަށް ސީރިއަސް ގެއްލުން ތަކެއް ލިބުނު ޒުވާނާ އިތުރު ފަރުވާއަށް މިއަދު ހަވީރު މާލެ ގެންގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސީރިއަސް ގެއްލުން ތަކެއް ލިބިފައިވަނީ އެކްސިޑެންޓްވި ސައިކަލްގެ ފަހަތުގައި އިން ހިތަދޫ، ނާދިރާ މަންޒިލް، އަލީ ސާދިމް 23އ އެވެ. ސައިކަލް ދުއްވި ހިތަދޫ، ގަސްރު، މޫގިލް ރަޝީދަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިސް އޮފިޝަލަކު މިރޭ "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނީ އަލީ ސާދިމްގެ ބޯ ފަޅައިގެން ގޮސް އެތެރެއަށް ލޭ އެޅި، ބޮލަށް ސީރިއަސް ގެއްލުުންތަކެއް ލިބިފައިވާ ކަމަށެވެ.
އޭނާއަށް ފަރުވާދީފައިވަނީ ހޮސްޕިޓަލްގެ އައިސީޔޫގައި ބާއްވައިގެންނެވެ.
ރަމަޟާން މަހާއި ދިމާކޮށް އައްޑޫގެ ތާރު އަޅާފައިވާ މަގުތަކުގައި އެކްސިޑެންޓްތައް ހިނގުން މަދު ކުރުމަށް ފުލުހުން ވަނީ އެކި ސަރަހައްދުތަކުގައި ބެރިކޭޑް ޖަހާފައެވެ.
ހިތަދޫ ބޮޑު މަގުގެ އެކި ސަރަހައްދު ތަކުގައި ބެރިކޭޑް ޖަހާފައިވާ އިރު ރޭވެސް ވަނީ ސިޓީ ސެންޓްރަލް ކުރިމަތިން އެކްސިޑެންޓެއް ހިނގާފައެވެ.