Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

ސްޓެލްކޯގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙުކޮށްފި

ކުރިއަށް އޮތް ފަސް އަހަރަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނައިގެން އެ ކުންފުނީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙުކޮށްފި އެވެ.

މި ޕްލޭން އިފްތިތާޙުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ، ޙުސައިން ފަހުމީ އެވެ.

ސްޓެލްކޯ އިން ބުނީ މި ޕްލޭންއަކީ، ޙުސައިން ފަހުމީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް އަންނަމުންދާ ތަރައްގީއާއި ތަހުޒީބާއި، ކުރިއެރުންތަކާއި އެއް ހަމަޔަކަށް ކަރަންޓާއި، ފެނާއި ނަރުދަމާގެ ސިނާއަތް ގެންދިއުމަށް ކުރެވެން ހުރީ ކޮން މަސައްކަތްތަކެއްތޯ ބަލައި، އެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރުމަށް ފެށި މަސައްކަތުގެ ތެރެއިން، ކުންފުނީގެ ބޯޑުގެ ހަރުދަނާ ލަފަޔާއި އިރުޝާދާއި އެކުގައި ތައްޔާރުކުރެވިފައިވާ ޕްލޭނެއް ކަމަށެވެ.

މި ޕްލޭން އެކުލަވާލުމުގައި އަސާސްތަކެއްގެ ގޮތުގައި ބަލާފައިވަނީ ޚިދުމަތުގެ ކުރިއެރުމާއި، ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއިއެކު، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކަށަވަރު ކުރުން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކޮށްފައިވަނީ ކުންފުނީގެ އެކި ދާއިރާތަކުގެ ޓެކްނިކަލް އަދި މެނޭޖިރިއަލް މުވައްޒަފުން ހިމަނައިގެން އެކުލަވާލެވުނު އިލްމީ އަދި ގާބިލް ޓީމަކުން ކަމަށާއި މި ޓީމްގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ކުންފުނީގެ ސްޓްރެޓިޖިކް ކޮމިޓީގެ ހާއްސަ އިރުޝާދުގެ ދަށުން ކަމަށް ސްޓެލްކޯ އިން މައުލޫމާތުދެ އެވެ.

ސްޓެލްކޯ އިން ބުނީ މި ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ކޮންމެ ޑިޕާޓްމަންޓަކަށްވެސް އެކްޝަންތަކަކާއި ޓާގެޓްތަކެއް ކަނޑައެޅިފައިވާނެ ކަމަށާއި އަދި މި ޓާގެޓްތައް ޙާޞިލްވޭތޯ މޮނިޓާ ކުރެވޭނެ ނިޒާމެއް ޤާއިމްކުރެވިފައިވާނެ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، ޒަމާނީ ވިސްނުމާއިއެކު ތައުލީމީ ޒުވާނުން މިތައްޔާރު ކުރީ އެކްޝަން ޕްލޭނަކީ މުސްތަގުބަލް ކަނޑައެޅުމުގެ ހަރުދަނާ ބިންގަލެއް ކަމަށް ކަމަށެވެ.

މިފަދަ ޕްލޭނެއް އޮތުމުން ކުންފުނި ހިންގުމަށް އިތުރަށް ފަސޭހަވެ، ކުންފުނީގެ ހުރިހާ ދާއިރާއަކުންވެސް އެއް އަމާޒަކަށް މަސައްކަތްކުރެވި، ހިންގުން ހަރުދަނާކުރެވި، ކުންފުނީގެ މާލިއްޔާއިން ކުރެވޭ ޚަރަދުތަކަކީ ކުންފުނިން އެކަށައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލްވުމަށް މަގުފަހިވެގެންދާ ގޮތަށް ކުރެވޭ ޚަރަދުތަކެއް ކަމުގައި ވެގެންދާނެ ކަމަށާއި އަދި ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތި ކުރެވި، ރައްޔިތުންނާއި ކުންފުންޏާއި ދެމުދު އޮންނަ އިތުބާރާއި ގުޅުން އިތުރަށް ރަނގަޅު ކުރެވިގެންދާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.