Last Updated: July 2, 23:14
Thursday, July 3, 2025
ކުޅިވަރު

ޔުނައިޓެޑްގެ ކޯޗުކަމުން ޓެންހާގް ވަކިކޮށްފި

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެންހާގް ވަކިކޮށްފި އެވެ.

ޓެންހާގް ،54، ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކޮށްފައިމިވަނީ މި ސީޒަނުގައި އެޓީމުން ނެރެމުންދާ ދަށް ނަތީޖާތަކާ ގުޅިގެންނެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހަމް ޔުނައިޓެޑް އަތުން 2-1 އިން ޔުނައިޓެޑް ބަލިވިއިރު، އެޓީމު މިވަގުތު އޮތީ ލީގުގެ 14 ވަނައިގަ އެވެ.

ޓެންހާގް ވަކިކުރުމަށްފަހު ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމު ވަގުގީ ގޮތުން ހަވާލުކޮށްފައިވަނީ ޓެންހާގްގެ އެސިސްޓެންޓެއްގެ ގޮތުގައި ހުރި ރޫޑް ވެން ނިސްޓަރޯއީއާ އެވެ.

ކުރިން އަޔެކްސް އަށް ކޯޗުކޮށްދިން ޓެންހާގް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ 2022 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅެ ޔުނައިޓެޑުން ވަނީ ލީގު ކަޕެއް އަދި އެފްއޭ ކަޕެއް ކާމިޔާބުކޮށްފަ އެވެ.

ޔުނައިޓެޑަށް ކުރިއަށް ދެން އޮތީ އިނގިރޭސި ލީގު ކަޕްގައި ލެސްޓަ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެފަހުން ލީގުގައި އަމިއްލަ ދަނޑުގައި އެޓީމު ދެން ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.