Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ސާދިމްގެ ހާލު ސީރިއަސް: އޭޑީކޭ

ސާދިން އިތުރު ފަރުވާއަށް މާލެ ގެންދަނީ: ފޮޓޯ: ކިއުންތެރިއެއް

ހިތަދޫ ބޮޑު މަގުގައި އިއްޔެ ހިނގި އެކްސިޑެންޓްގައި ބޮލަށް ސީރިއަސް އަނިޔާ ލިބުނު ހިތަދޫ ނާދިރާ މަންޒިލް އަލީ ސާދިމްގެ ހާލު ސީރިއަސް ކަމަށް އޭނާއަށް ފަރުވާ ދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

\އޭޑީކޭގެ މެނެޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ ސާދިމްގެ ހާލު އަދިވެސް ވަރަށް ކްރިޓިކަލް ކަމަށާއި އޭނާއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ބާއްވައިގެން ކަމަށެވެ.

އެކްސިޑެންޓާއި ގުޅިގެން ސާދިމްއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ފުރުވާލާފައިވަނީ އިއްޔެ ހަވީރުއެވެ.

އަދި މާލެ ގެންގޮސް ފުރަތަމަ ފަރުވާ ދޭން ފަށާފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ.

ސާދިމް އޭޑީކޭއަށް ބަދަލުކޮށްފައިވަނީ އައިޖީއެމްއެޗްއިން އޭނާ ބެއްލެވި ޑޮކްޓަރު ނިއުރޯ ސާޖަންއަކަށް ދެއްކުމަށް ރިފާ ކުރުމުން އެހިދްމަތް އައިޖީއެމްއެޗްއިން ލިބެން ނެތުމުންނެވެ.

އިއްޔެ ހެނދުނު 10:30 ހާއިރު ބާރު ސްޕީޑެއް ދުއްވާދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި މަގުގެ ސްޕީޑް މަތަކުރުމަށް ފުލުހުން ޖަހާފައިވާ ބެރިކޭޑްގައި ޖެހި ހިނގި އެކްސިޑެންޓްގައި ސާދިމް ވިއްސައިގެން ގޮސް ޖެހިފައިވަނީ ހިތަދޫ ބޮޑުމަގުގެ ޕޭވްމަންޓް މަތީގައެވެ.

މަންޒަރުދުށް މީހުން ބުނާގޮތުން ސާދިމްގެ ބޮލާއި، ނޭފަތާއި ކަންފަތުން ގިނަ އަދަދަކަށް ލޭފައިބާފައިވެއެވެ. މި ހާދިސާގައި ސާދިމް އިން ސައިކަލް ދުއްވި ހިތަދޫ، ގަސްރު މޫގިލް ރަޝީދަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވެއެވެ.