މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރިގޯ ހެނާންޑޭޒް ބެލޮންޑިއޯ އެވޯޑު ކާމިޔާބުކޮށްފި އެވެ.
ފްރާންސުގެ މަޝްހޫރު ކުޅިވަރު މަޖައްލާ ފްރާންސް ފުޓްބޯލް އިން ދިން މި އެވޯޑް ރޮޑްރީ ކާމިޔާބުކުރީ ރެއާލްގެ މެޑްރިޑްގެ ދެ ކުޅުންތެރިން ކަމަށްވާ ވިނީޝަސް ޖޫނިއާ އާއި ޖޫޑް ބެލިންހަމްއާ ވާދަކޮށްގެންނެވެ.
މިއީ 1960 ވަނަ އަހަރަށް ފަހު ސްޕެއިންގެ ކުޅުންތެރިއަކު ބެލޮންޑިއޯ އެވޯޑު ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ 2008 ވަނަ އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިއަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ. އެންމެފަހުން ޕްރިމިއާ ލީގުގެ ކުޅުންތެރިއެއްގެ ގޮތުގައި މި އެވޯޑު ކާމިޔާބު ކުރީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މެންޗެސްޓާ ސިޓީގެ މެދުތެރޭގައި މުހިއްމު ރޯލެއް އަދާކުރަމުން އަންނަ ރޮޑްރީ ވަނީ މިދިޔަ ސީޒަނުގައި އެޓީމާއެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ސްޕެއިނަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދިނުމުގައި ވެސް ރޮޑްރީ މުހިއްމު ދައުރެއް އަދާކުރި އެވެ. ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް ރޮޑްރީ އެވެ.
ބެލޮންޑިއޯ އެވޯޑުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު މިފަހަރު ވެސް ހާސިލުކުރީ ބާސެލޯނާގެ ތަރި އައިޓާނާ ބޮންމަޓީ އެވެ. އެންމެ މޮޅު ކީޕަރުގެ މަގާމު އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ގެންދިޔައިރު ގެންދިޔައިރު އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު މިފަހަރު ގެންދިޔައީ ބާސެލޯނާ އަށް ކުޅެމުން އަންނަ ލަމީން ޔަމާލް އެވެ.
އެންމެ މޮޅު ފިރިހެން ކްލަބަކަށް ރެއާލް މެޑްރިޑް ހޮވުނުއިރު އެންމެ މޮޅު އަންހެން ކްލަބަކީ ބާސާ އެވެ. އަދި އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމު ރެއާލްގެ ކޯޗު ކާލޯ އެންޗެލޯޓީ ހޯދިއިރު، އެންމެ މޮޅު އަންހެން ކޯޗުގެ މަގާމު ގެންދިޔައީ އެމެރިކާގެ ގައުމީ ޓީމުގެ ކޯޗު އެމާ ހޭސް އެވެ.