Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

ޓެކްސީ ހިދުމަތް ދިނުމަށް ކުންފުންޏަކާ ހަވާލުކުރަނީ

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން - ފޮޓޯ: މަޖިލިސް

މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތް ދިނުމަށް ސަރުކާރު ކުންފުންޏަކާ ހަވާލުކުރަން ނިންމައިފި އެވެ.

ޒަމާނަށް ފެތޭ، ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަކީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް ހައްލެއް ހޯދަން ފެށި "މާލެ ފަހި" ޕްރޮގްރާމްގައި ހިމެނޭ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް ހަވާލުކުރަން ނިންމާފައިވާ ސަރުކާރު ކުންފުންޏަކާ ކަމަށާއި މި މަސައްކަތް ކުރަން އެންމެ ރަނގަޅު އެއް ބަޔަކީ އެމްޓީސީސީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މިކަން ރަސްމީކޮށް ކުންފުންޏަކާއި ހަވާލުކޮށް ކުރިއަށް އޮތް ދެ ހަފްތާތެރޭ އިއުލާން ކުރާނެ ކަމަށް އަމީން ވިދާޅުވި އެވެ.

ޓެކްސީ ލައިންގެ ހިދުމަތް ކުރިއަށް ގެންދަން ރޭވިފައިވަނީ އާރްޓީއެލް ބަސް ކޮންސެޕްޓަށް ކަމަށާއި މި ހިދުމަތުގައި މަސައްކަތް ކުރާ 50 ޕަސެންޓް ޓެކްސީ ޑްރައިވަރުން ވެގެންދާނީ ދާއީމީ މުވައްޒަފުންނަށް ކަމަށެވެ. ބާކީ 50 ޕަސެންޓް ދޫކުރާނީ ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި އެކި ވަރަށް ޓެކްސީ ދުއްވަން ބޭނުންވާ ފަރާތްތަކަށް ކަމަށް އަމީން ވިދާޅުވި އެވެ.

މި ހިދުމަތުގައި ޓެކްސީ ދުއްވޭނީ މުޅިން ވެސް ދިވެހިންނަށް ކަމަށާއި ޓެކްސީ ޑްރައިވަރުންނަށް ހާއްސަ ޑްރެސްކޯޑެއް ވެސް ހަމަޖައްސާފައިވާނެ ކަމަށް ވިދާޅުވި އެވެ. އަދި މި ހިދުމަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮންމެ 7 ދުވަހަކުން މުސާރަ ދެވޭނެ ނިޒާމެއް ގާއިމުކޮށްފައިވާނެ ވެސް އަމީން ވިދާޅުވި އެވެ.

މާލެ ފަހި ޕްރޮގްރާމަކީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާ މީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަޤްޞަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މާލެ ފަހި ޕްރޮގްރާމަކީ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ޚާއްޞަ އިރުޝާދާއެކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.