Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

ބީއެމްއެލަށް 492 މިލިއަން ރުފިޔާގެ ފައިދާއެއް

ބީއެމްއެލްއަށް މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 492 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއީ މިއަހަރުގެ ދެވަނަ ކުއާޓަރާއި އަޅާބަލާއިރު 9.6 ޕަސެންޓްގެ އިތުރު އަދަދެކެވެ. ބޭންކުން މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 718 މިލިއަން ރުފިޔާ ހޯދާފައިވާއިރު މިއީ ކުރީ ކުއާޓަރާއި އަޅާބަލާއިރު 2.9 ޕަސެންޓްގެ އިތުރު އަދަދެކެވެ.

މި ކުއާޓަރުގައި ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް 1.2 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވާއިރު، ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ހުރީ 44.7 ބިލިއަން ރުފިޔާގަ އެވެ.

މި ނަތީޖާއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ މާލީ ގޮތުން ހޯދި ރަނގަޅު ނަތީޖާއާ މެދު ވަރަށް ފަޚުރުވެރިވާ ކަމަށާއި އަދި މުޖުތަމައަށް އަމާޒުކޮށްގެން ހިންގުނު މަޝްރޫއުތަކާއި ވަކިވަކި ފަރުދުންނަށާއި ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި ގައުއުމުގެ މުސްތަގުބަލް އާރާސްތުކުރުމަށް ބޭންކުން ކުރާ މަސައްކަތާމެދުވެސް ފަޚުރުވެރިވާ ކަމަށެވެ.

"މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ވެސް މި ރަނގަޅު ނަތީޖާ ދެމެހެއްޓޭނެކަމުގެ އިތުބާރު އަޅުގަނޑުމެންނަށް އެބައޮތް." ޝަރީފް ވިދާޅުވި އެވެ.

މި ކުއާޓަރުގައި ބޭންކުން ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ސަނާބިލް މަޝްރޫއުއަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްފަ އެވެ. އަދި 1 މިލިއަން ރުފިޔާގެ ބޭންކް ފަންޑު ކާމިޔާބުކުރި ފަރާތްތައްވެސް ވަނީ އިއުލާންކޮށްފަ އެވެ.

އެ ފަންޑުގެ ދަށުން ތަޢުލީމު، ތިމާވެށި، ކުޅިވަރު އަދި މުޖުތަމައުގެ ތަރައްގިއާ ގުޅޭ ދާއިރާތަކުން 5 މަޝްރޫއުއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫއުތަކުގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތްތައް ކުރިއެރުވުމާއި އައު ގޮތްތައް ތަޢާރަފުކުރުމާއި އިޖުތިމާއީ ބޭނުންތަކަށް ފުރުސަތުތައް ހޯދައިދިނުން ކަމަށް ބީއެމްއެލުން ބުނެ އެވެ.