އިމާމުންނާއި ޚަޠީބުންނަށް އިންޑޮނޭޝިޔާއަށް އިތުރު ތަމްރީން ޙާޞިލްކުރުމަށް ތަމްރީން ދަތުރެއްގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ދަތުރަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެންޑޮވްމެންޓް އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސިވިލައިޒޭޝަން ގުޅިގެން ކުރިއަށް ގެންދާ ދަތުރެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ 7 ދުވަހުގެ މި ދަތުރަށް، ދަތުރުގައި ބައިވެރިވާ އިމާމުން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ.
މި ދަތުރުގައި ބައިވެރިވާ އިމާމުންގެ ހުރުމާއި، ކެއުން އަދި އެތެރޭގެ ދަތުރުފަތުރުގެ އިންތިޒާމް އިންޑޮނޭޝިޔާއިން ހަމަޖައްސައިދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި މި ދަތުރުގެ ޓިކެޓާއި ވިސާގެ ޚަރަދުތައް ކުރަން ޖެހޭނީ ބައިވެރިން އަމިއްލައަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.
އިމާމުންނަށް ރާއްޖެއާއި ރާއްޖޭން ބޭރު އިތުރު ތަމްރީންގެ ފުރުސަތު ހޯދައިދިނުމަކީ މި ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށް މިނިސްޓްރީން ހާމަކުރެ އެވެ. އެގޮތުން މިއަހަރު މިހާތަނަށް އިމާމުން ވަނީ ސަޢުދީ އަރަބިއްޔާއަށާއި ބުރުނާއީއަށް އިތުރު ތަމްރީން ހޯދުމަށް ދަތުރުތައްކޮށްފަ އެވެ.