Last Updated: May 20, 22:41
Tuesday, May 20, 2025
ޚަބަރު

ބީއެމްއެލްގެ އެމްޑީއަކަށް ވެސް ސީއީއޯ ޝަރީފް

ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް އައްޔަންކޮށްފި އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މިއަދު ބޭއްވި ބޭންކުގެ ޚާއްސަ އާންމު ޖަލްސާގައި، ސަރުކާރުގެ ފަރާތުން ބޭންކުގެ ބޯޑަށް އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި ޝަރީފް ވަނީ ބީއެމްއެލް ބޯޑަށް އައްޔަންކޮށްފަ އެވެ.

މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަރީފް އައްޔަންކުރީ ހާއްސަ އާންމު ޖަލްސާ އަށް ފަހު އޮތް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގަ އެވެ.

ޝަރީފް ބޭންކުގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވީ މި މަހުގެ 17 ގަ އެވެ. ޝަރީފަކީ ގައުމީ ބޭންކްގެ 42 އަހަރުގެ ތާރީހުގައި އެ ބޭންކަށް އައްޔަންކުރި ފުރަތަމަ ދިވެހި ސީއީއޯ އެވެ.

ޝަރީފަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި އެގްޒެކްޓިވް އަދި ބޯޑު ލެވަލްގައި ހަތް އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ވެސް ހޯއްދަވައިފައިވެ އެވެ.

ބީއެމްއެލްގައި މަސައްކަތްކުރެއްވި މުއްދަތުގައި ޝަރީފް ވަނީ ބޭންކުގެ ހިންގުން ޒަމާނީ ކުރުމަށާއި ބޭންކުން ހޯދާފައިވާ ކާމިޔާބީގައި ވަރަށް މުހިއްމު ދައުރެއް އަދާކުރައްވައިފަ އެވެ. އެގޮތުން ޝަރީފް ވަނީ ކޯ-ބޭންކިން ސިސްޓަމްތައް ގާއިމުކުރުމާއި، ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފުކުރުމާއި، ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމަށް ކުރި މަސައްކަތުގެ ދަށުން އިންޓަނެޓް އަދި މޮބައިލް ބޭންކިން، ސެލްފް ސާވިސް ބޭންކިންގެ އިތުރުން އީކޮމާސް ޕޭމަންޓް ގޭޓްވޭ ތައާރަފުކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ޝަރީފް ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް މެންޗެސްޓާއިން އެމްބީއޭ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން ލަންޑަން ބިޒްނަސް ސްކޫލްއިން ސީއީއޯއިންނާއި ސީނިއާ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ 'ސީނިއާ އެގްޒެކްޓިވް ޕްރޮގްރާމް' ފުރިހަމަ ކުރައްވާފަ އެވެ.

މީގެއިތުރުން 2018އިން 2020އަށް އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަގާމު ވެސް ޝަރީފް ވަނީ އަދާކުރައްވާފަ އެވެ.