Last Updated: November 14, 21:35
Thursday, November 14, 2024
ޚަބަރު

އަންނަ އަހަރުގެ ބަޖެޓްގެ ފޯކަސް ބޯހިޔާވަހި ކަމަށް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަށް ކިޔާނީ "ބޯހިޔާވަހިކަމުގެ ބަޖެޓް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ފުޅާ ދާއިރާއެއްގަ ގެދޮރުވެރިކަމަށް މަގުފަހިކޮށް ދޭނެ ބަޖެޓު ކަމަށެވެ.

"އެ ބަޖެޓަށް އަޅުގަނޑު ކިޔަނީ، އަދި ހަމަ ހަގީގަތުގައި ތަންފީޒުވެގެންދާ އިރު ވާނީ ބޯހިޔާވަހިކަމުގެ ބަޖެޓަށް. ތިބޭފުޅުންނަށް އެންމެ މުހިންމީ ގެދޮރުވެރިކަން،' ރައީސް ވިދާޅުވި އެވެެ. "ކިޔަވައިގެން މި ނުކުންނަނީ ވަޒީފާއެއް އަދާކުރަން. ގިނަ ބޭފުޅުން އުޅެން ޖެހެނީ، އުޅޭނެ ތަނެއް ނެތީމަ އެންމެން، އާއިލާ މީހުން އެއްވެލައިގެން ކުއްޔަށް ހިފައިގެން."

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅަން ނިންމާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގެ ތެރެއިން އަންނަ އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 1.5 ބިލިއަން ރުފިޔާ ހައުސިން މަޝްރޫއުތައް ހިންގާނެ އެވެ. މީގެ އިތުރުން ދެ ބިލިއަނާއި ފަސް ބިލިއަނާ ދެމެދުގެ އަދަދަކަށް ހައުސިން ލޯނު ވެސް ދޫކުރާނެ އެެވެ.