Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން އަލުން ފެށީ މި ދައުރުގައި

ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން އަލުން ފެށީ މި ދައުރުގައި ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ގައްސާން ވިދާޅުވީ 1998 ވަނަ އަހަރުގެ ނޮވެމްބަރު 3ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ވެގެންދިޔައީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމުގެ ވަގުތު ޖެހިއްޖެ ކަމުގެ ރަނގަބީލަށް ކަމަށެވެ.

އެ މަސައްކަތް އޭރު ފެށިގެން އައިސް 20 އަހަރުފަހުން ހުއްޓިފައި އޮވެފައި، އާ ބާރަކާއި، އާ ރޫހަކާއި، އާ ޖޯޝަކާއެކު އަލުން ފެށިގެން ދިޔައީ އޭގެ 15 އަހަރުފަހުން މިދިޔަ ނޮވެމްބަރު 17ގައި،" ގައްސާން ވިދާޅުވި އެވެ.

އަސްކަރިއްޔާ ގާބިލުކުރުމުގެ މަސައްކަތުގެ ދަށުން މި ސަރުކާރަށް މިވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށްވެސް ގައްސާން ވިދާޅުވި އެވެ. އަދި ދިވެހި އަސްކަރިއްޔާ ދެމި އޮތްހާ ހިނދަކު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ސިފައިންގެ ހުވާގައިވާ ގޮތުގެ މަތިން، ލެޔާއި ފުރާނައިން ގުރުބާންވެގެން ހިމާޔަތް ކުރާނެ ކަމަށާއި އެއީ ޔަގީންކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

"މިއަދަކީ މި ހަގީގަތްތަކުގެ މައްޗަށް އިތުރަށް ފިކުރުކުރަންވީ ދުވަސް. މިއަދަކީ ރައީސް އެ ގެނެސްދެއްވާ ވަސީލަތްތައް ގައުމުގެ ދިފާއުއަށް އަތުރާލަން ވިލަރެސް ކުރަންވީ ދުވަސް. މިއަދަކީ ގައުމަށް ވަފާތެރި، ރައްޔިތުންނަށް އިހުލާސްތެރި، އަމުރަށް ކިޔަމަންތެރި، ހަރަކާތްތެރިވުމުގައި ހުށިޔާރު، ކެރޭ، ހީވާގި، ގާބިލު، ދިވެހި މިނިވަންކަން ދިފާއުކުރުމަށް ތައްޔާރަށް އޮތް ލަޝްކަރެއް އޮތްކަން މުޅި ދުނިޔެއަށް ދައްކަންވީ ދުވަސް،" ގައްސާން ވިދާޅުވި އެވެ.