Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ތާލިބާންގެ މަންދޫބާ ބައްދަލުކުރި ދިވެހި ސަފީރު ވަކިކުރަނީ

އަފްގާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުން ޕާކިސްތާނަށް ކަނޑައަޅާފައި މަންދޫބާ، ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތޯހާ މުހައްމަދު ބައްދަލުކުރި މައްސަލާގައި އޭނާ އަނބުރާ ރާއްޖެ ގެނެސް މަގާމުން ވަކިކުރަން ނިންމައިފި އެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ހުއްދައާއެކު ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއް ނޫން ކަމަށެވެ. އަދި މިކަމާއި ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅު އަޅާފައިވާ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް އެޅި ފިޔަވަޅެއްގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން މިހާރު ވަނީ ތޯހާ އެނބުރި ރާއްޖެ ވަޑައިގަތުމަށް އަންގާފަ އެވެ. އަދި އޭނާ މަގާމުން ވަކިކުރުމަށް ނިންމާފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ތާލިބާނުން އަފްގާނިސްތާން ހިފައި ބާރުގެ ދަށަށް ގެންދިޔައީ 2021 ވަނަ އަހަރު އެވެ. މިހާރު އަފްގާނިސްތާނު ހިންގަމުން އަންނަނީ ތާލިބާނުން އެކުލަވާލާފައިވާ ސަރުކާރެއްގެ ދަށުންނެވެ.

މިހާތަނަށް އެއްވެސް ގައުމަކުން ތާލިބާންގެ ވެރިކަން ރަސްމީ ސިފައެއްގައި ބަލައިގަންފައެއް ނުވެ އެވެ.