Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

އިންޑިއާ ޓޫރިސްޓުންގެ އަދަދު 100،000 އަށް އަރައިފި

މި އަހަރުގެ މިހާތަނަށް އިންޑިއާ އިން ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އެއް ލައްކަ އަށް ވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެއާ ހަމައަށް އިންޑިއާ އިން އައި ޓޫރިސްޓުންގެ އަދަދަކީ 101،963 އެވެ. އެ ގައުމު މިހާރު އޮތީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްގެ 6 ވަނައިގަ އެވެ.

އިންޑިއާއާ އެކު މި އަހަރުގެ މިހާތަނަށް ފަސް ގައުމަކުން ވަނީ 100،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ. އެގޮތުން އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ އިން އިއްޔެއާ ހަމައަށް 240،401 ޓޫރިސްޓުން އައިސްފައިވެ އެވެ. ލިސްޓްގައި ގަދަ ފަހެއްގައި ދެން ހިމެނޭ ގައުމުތަކީ ރަޝިއާ (187،270 ޓޫރިސްޓުން)، އިނގިރޭސިވިލާތް (143،909 ޓޫރިސްޓުން)، ޖަރުމަން (127،446 ޓޫރިސްޓުން) އަދި އިޓަލީ (115،425 ޓޫރިސްޓުން) އެވެ.

ރާއްޖެ އަންނަ އިންޑިއާ ޓޫރިސްޓުން އިތުރުވަމުން އަންނަ އިރު، މިދިޔަ އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައީ ވެސް އެ ގައުމުންނެވެ. ނަމަވެސް މި އަހަރު ފެށުނު ފަހުން އިންޑިއާގެ ޓޫރިސްޓުން އައުން މަދުވީ މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން މީގެ ރައްދު އައީ ރާއްޖޭގެ ޓޫރިޒަމް އިންޑިއާ ބޮއިޓްކުރުމުގެ ޝިއާރުތަކާ އެކީގަ އެވެ. އެގޮތުން ރާއްޖެ ދިއުމުގެ ބަދަލުގައި އިންޑިއާގެ ލަކްޝަދީޕަށް އިންޑިއާ މީހުން ޗުއްޓީ ހޭދަކުރަން ދިއުން މާ އައުލާކަން ބޮޑު ކަމަށް ބުނެ، އެތަން ޕްރޮމޯޓްކޮށް، ރާއްޖެ ބޮއިކޮޓް ކުރަން ގޮވަމުން ދިޔަ އެވެ.

އެހެންވެ އިންޑިއާގެ ފިލްމީ ތަރިން ވެސް ރާއްޖެ އައުން "އެއްކޮށް" ކަހަލަ ގޮތަކަށް ހުއްޓުނެވެ. ނަމަވެސް މިހާރު ފިލްމީ ތަރިން އަންނަ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ދާދި ފަހުން އިންޑިއާގައި ވަނީ ޓޫރިޒަމް ޕްރޮމޯޓްކުރަން ރޯޑްޝޯތަކެއް ވެސް ބާއްވައިފަ އެވެ.