Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ހިލޭ ބިމެއް ދޭ ގޮތަށް ހިތަދޫގައި ޑްރައިވިން ޓްރެކެއް އަޅަނީ

އައްޑޫގައި އެއްގަމު އުޅަނދުގެ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކަށް ފަރިތަ ކުރުމަށް ބޭނުންވާ ޑްރައިވިން ޓްރެކެއް ހެދުމަށް ހިތަދޫން ބިމެއް ހަމަޖެއްސުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސެއިން ހިލްމީ ހުށަހެޅި މައްސަލައަކަށް މަޝްވަރާ ކުރުމަށް ފަހުއެވެ. ހުސެއިން ހިލްމީ ހުށަހަޅާފައިވަނީ އެތަން ތަރައްޤީ ކުރާ ފަރާތަކަށް 4000 އަކަ ފޫޓްގެ ބިމެއް ހިތަދޫ ސިނާއީ ސަރަހައްދުން ހިލޭ 10 އަހަރަށް ދޭ ގޮތަށެވެ.

ކައުންސިލުން ވަނީ އެގޮތަށް ފާސްކޮށް ކޮލެޖް ބުސްތާނާއި ދިމާލުން ހިތަދޫ ކްރެސް ގާޑަން ރެސްޓޯރެންޓްގެ އިރުން އޮތް ބިން ޓްރެކް އެޅުމަށް ދިނުމަށް ނިންމާފައެވެ.

ކައުންސިލްގެ އިސް އޮފިޝަލަކު ވިދާޅުވީ ޓްރެކް އެޅުމަށް ކައުންސިލުން ނިންމާފައިވަނި އެތަން ރޭނަގޑު ބޭނުން ކުރެވޭ ގޮތަށް ޓްރާންސްޕޯޓް ކަނޑައަޅާފައިވާ ގަވާއިދާއި އެއްގޮތަށް ކަމަށެވެ.

އަދި ވަރަށް އަވަހަށް ޓްރެކް އަޅާނެ ފަރާތެއް ހޯދުމަށް އިއްލާން ކުރާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ލައިސަންސް ނެގުމަށް އާއްމުކޮށް ފަރިތަ ކުރަނީ ހިތަދޫ އީސީސީ ހުންނަ ސަރަހައްދުގައެވެ. ލައިސަންސް ދިނުމަށް ބާއްވާ ޕްރެކްޓިކަލް ޓެސްޓް ބާއްވަނީ ހިތަދޫ އަވަށު އޮފީސް ކުރިމަތީ އޮންނަ މަގާއި މެދެ އާރި މަގުގައެވެ.