Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރަން މޭޔަރު ލަންޑަނަށް

މިއަދު ލަންޑަންގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި އައްޑޫގެ ޓޫރިޒަން ޕްރޮމޯޓްކުރަން ހިންގާ ހަރަކާތްތަކުގައި އައްޑޫ މޭޔަރު އަލީ ނިޒާރު ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އޭނަ މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

ޑަބްލިއުޓީއެމްގައި މުޅިން އަލަށް އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރާ އިރު، މޭޔަރާ އެކީ އެ ހަރަކާތުގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އާއި އެ ކުންފުނީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ވެސް ބައިވެރިވެވަޑައިގަންނަ ވާނެ އެވެ.

ޑަބްލިއުޓީއެމްގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ގިނަ ފަރާތްތަކެއް ތަމްސީލު ކުރާނެ އެވެ.

މި ފެއާ އައްޑު އަށް ހާއްސަވާ އެއް ސަބަބަކީ އޭގައި މުޅިން އަލަށް އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރާ އިރު، މިއީ މިދިޔަ މަހުގެ 25 ގައި އައްޑޫގެ ޓޫރިޒަމް ބްރޭންޑް "ބިޔޯންޑް ދި އީކްއޭޓަ" ލޯންޗްކުރި ފަހުން، އެ ބްރޭންޑް ރާއްޖެ އިން ބޭރަށް ގެންދާ ފުރަތަމަ ފަހަރަށްވުމެވެ.

މި ބްރޭންޑަކީ އައްޑޫ ވަކި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، އައްޑޫގެ ޓޫރިޒަމް ކުރިއަރުވަން އައްޑޫ ސިޓީ ކައުންސިލުން ތައާރަފުކުރި ބްރޭންޑެކެވެ.

ޑަބްލިއުޓީއެމް ލަންޑަންގައި ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 7 އާ ހަމައަށެވެ.