މަރަދޫ ސްކޫލްގައި 5 ކުލާސް ރޫމް ބްލޮކެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސް އިން ފަށައިފިއެވެ.
މިނިސްޓްރީން އާއްމުކޮށްފައިވާ އިއްލާނުގައި ބުނެފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދޭ ކުރެހުމަކާއި އެއްގޮތަށް މަރަދޫގައި 5 ކުލާސް ރޫމް ހިމެނޭ ބޮލޮކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޝައުޤުވެރިވާ ފަރާތަކުން މިނިސްޓްރީއިން ބީލަން ފޮތް ގަނެގެން މިމަހުގެ 23 ކުރިން ހުށަހެޅުމަށެވެ. ބީލަން ފޮތެއްގެ އަގަކީ 500 ރުފިއާއެވެ.
މަރަދޫ ސްކޫލްގައި މިއަހަރު ޖުމްލަ 307 ދަރިވަރުން ކިޔަވަމުން އަންނަ އިރު އެ ސްކޫލްގައި ހުރީ އެންމެ 7 ކުލާސް ރޫމެވެ. އޭގެ ތެރެއިން ދެ ކްލާސް ރޫމަކީ ސްކޫލް ހޯލްގައި ހަދާފައިވާ ދެ ކްލާސް ރޫމެވެ، ސްކޫލްގެ ހޯލްވަނީ ވަރަށް ބޮޑަށް ވީރާނާވެފައިއެވެ.