ޖެޓުތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމުން ލިބޭ މަންފާ ދިވެހިން ހިއްސާވާ ކުންފުނިތަކަށް ލިބޭނެ ގޮތަށް އުސޫލު ބަދަލުކުރައްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ ރާއްޖެ އަންނަ ޖެޓް ހޭންޑްލިން ހިދުމަތް ދިނުމަށް ދިވެހި ކުންފުނިތަކެއް ނަމެއްގައި ރަޖިސްޓަރީކޮށްފައިވީ ނަމަވެސް އެ ހިދުމަތުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ލިބެމުން އަންނަނީ ބޭރުގެ ކުންފުނިތަކަށް ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ދިވެހި ފަސްގަނޑުން ލިބޭ މަންފާއަކީ ދިވެހި ރައްޔިތުންނަށް ނުވަތަ ކުންފުނިތަކަށް އޭގެ ފުރިހަމަ ގޮތުގައި ލިބޭ އެއްޗަކަށް ހެދުން ކަމަށާއި އެގޮތުން މިކަމަށް އަންނަ އަހަރު ހަރުދަނާ ބަދަލުތަކެއް ގެންނާނެ ކަމަށް އަމީން ވިދާޅުވި އެވެ.
"ސަރުކާރުން ބޭނުން ވަނީ މިކަމުން މަންފާ ލިބޭ ކުންފުނިތަކަކީ 100 ޕަސެންޓް ދިވެހި ކުންފުނިތަކުގެ ގޮތުގައި ބޭއްވުން," އަމީން ވިދާޅުވި އެވެ.
އަމީން ވަނީ ޖެޓްތަކަށް ޚިދުމަތް ދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އޭގެ މަންފާ ބޭރުގެ ފަރާތްތަކަށް ލިބޭ ގޮތަށް އިންތިޒާމުތައް ނުބެހެއްޓުމަށް ވެސް އިލްތިމާސްކުރައްވާފަ އެވެ. އަދި އެފަދަ ކަންކަން އޮޑިޓް ކުރުމަށްފަހު ދިވެހި ކުންފުންޏެއް ހަދާފައި ބޭރު ކުންފުނިތަކަށް މަންފާ ލިބޭ ގޮތަށް އިންތިޒާމު ވެގެން ކުރާ ވިޔަފާރިއަށް ބަދަލު ގެންނާނެ ކަމަށްވެސް ވިދާޅުވި އެވެ.