Last Updated: July 14, 13:49
Tuesday, July 14, 2026
ދުނިޔެ

ޓްރަމްޕް އަލުން އެމެރިކާގެ ވެރިކަމަށް

އެމެރިކާގެ ރިޔާސީ އިންތިހާބު ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވައިފި އެވެ.

އިންތިހާބުގެ ވަގުތީ ގޮތުން ނަތީޖާ ދައްކާ ގޮތުން ޑިމޮކްރެޓިކްސްގެ ކެންޑިޑޭޓް އަދި މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްއާ ވާދަކުރައްވައި ޓްރަމްޕް ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ކުރަން ބޭނުންވާ 270 އިލެކްޓޯރަލް ވޯޓުގެ ތެރެއިން ޓްރަމްޕް އުޅުއްވަނީ 267 އިލެކްޓޯރަލް ވޯޓުން ކުރީގަ އެވެ. އިންތިޚާބު ކާމިޔާބު ކުރަން ޓްރަމްޕަ ދެން ބޭނުން ވަނީ އެންމެ ތިން އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އަދިވެސް ބައެއް ސްޓޭޓްތަކުގެ ވޯޓުގެ ނަތީޖާ އިއުލާންކޮށްފައި ނުވާއިރު، އޭގެ ތެރެއިން ބައެއް ސްޓޭޓްތަކުން ޓްރަމްޕް ކުރި ހޯއްދަވާނެ ކަމަށް މިހާރު ވެސް ވަނީ ބެލެވެ އެވެ.

ކަމަލާ އަށް ލިބިފައި ވަނީ 214 އިލެކްޓަރުންގެ ވޯޓެވެ. އެހެންކަމުން މި އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ކަމަލާ އަށް މިހާރު ވަނީ ބަންދުވެފަ އެވެ.

މިއީ ޓްރަމްޕްް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ދެވަނަ ފަހަރެވެ. އޭނަ އެމެރިކާގެ ރައީސްކަން ފުރަތަމަ ކުރެއްވ 2016-2020 އަށެވެ. އަދި 2020 ގައި ދެވަނަ ދައުރަކަށް ވާދަކުރައްވައި ބަލިވެވަޑައިގަތީ މިހާރުގެ ރައީސް ޖޯ ބައިޑެންއާ ވާދަކޮށެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ ފަހަރު ވެސް އޭނަ އިންތިހާބު ކާމިޔާބު ކުރެއްވީ އަންހެން ކެންޑިޑޭޓަކާ ވާދަކުރައްވައިކަމެވެ.

ދެހާސް ސޯޅައިގައި ޓްރަމްޕާ ވާދަކުރެއްވީ ކުރީގެ ރައީސް ބިލް ކްލިންޓަންޓަންގެ އަނބިކަނބަލުން ހިލަރީ ކްލިންޓަނެވެ.

އެމެރިކާގެ ވެރިކަމާ ޓްރަމްޕް އަލުން ހަވާލުވަޑައިގެންފައިވާ އިރު، ރިޕަބްލިކަން ޕާޓީން ވަނީ އެ ގައުމުގެ ސެނެޓްގެ މެޖޯރިޓީ ވެސް ހޯދައިފަ އެވެ. މިއީ ފާއިތުވި ހަތަރު އަހަރުތެރޭ ސެނެޓްގެ މެޖޯރިޓީ އެ ޕާޓީ އަށް ލިބުނު ފުރަތަމަ ފަހަރެވެެ.