Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ތޫނު އެއްޗަކުން ބިރުދައްކައިގެން 3 ފިހާރައަކުން ފޭރުނު މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ފޭރުމުގެ މައްސަލަތަކަކާ ގުޅިގެން ހައްޔަރުކުރި މީހެއް ދިރިއުޅޭ ގެ ބަލައި ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ބައެއް ތަކެތި -- ފޮޓޯ: އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން

ހިތަދޫގެ 3 ފިހާރައަކުން މޫނު ނިވާކޮށްގެން ވަދެ ތޫނު އެއްޗަކުން ބިރު ދެއްކުމަށް ފަހު ފޭރުނު ކަމަށް ތުހުމަތުކުރެވޭ މީހަކު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓްތަކަކާއެކު ހައްޔަރުކޮށްފި އެވެ.

ހެލްމެޓެއް އަޅައިގެން މޫނު ނިވާކޮށްގެން ހުރެ ތަކުރާރުކޮށް ފޭރެމުން ދިޔަ 35 އަހަރުގެ މީހާ އަތުލައިގެންވަނީ ކޯޓު އަމުރެއްގެ ދަށުން ރޭ 23:45 ހާއިރު އޭނާ ދިރިއުޅޭ ގެއިންނެވެ.

ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތޭގައި، 2015 ޖޫން 24 ވަނަ ދުވަހުގެ ރޭ 22:30 ހާއިރު، އައްޑޫ ސިޓީ، ހިތަދޫ، އާރިޒޯން ފިހާރައަށާއި، 2015 ޖޫން 25 ވަނަ ދުވަހު 22:00 ހާއިރު އައްޑޫ ސިޓީ، ހިތަދޫ، ރައިޒިންގ ސްޓާ ފިހާރައިގެން އިތުރުން 2015 ޖޫން 26 ވަނަ ދުވަހުގެ މެންދުރު 11:25 ހާއިރު އައްޑޫ ސިޓީ، ހިތަދޫ، އިމްޕާލާ ފިހާރައަށް ހެލްމެޓެއް އަޅައިގެން ވަދެ، އެ ތަންތަނުގެ ސޭޓުންނަށް ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހު ފައިސާ ފޭރިފައިވާ މައްސަލަތައް ހިމެނެއެވެ.

އޭނާ ހައްޔަރުކުރުމަށް ފަހު، އޭނާ ދިރިއުޅޭ ގެއާއި އެ ގޭގައިހުރި ބައެއް ތަކެތި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ ބައެއް ތަކެއްޗާއި ފައިސާގެ އިތުރުން، މޫނު ނިވާކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ހެލްމެޓާއި، ބިރުދެއްކުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅިއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 4 ރަބަރު ޕެެކެޓާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ސެލޯފިން ކޮޅެއް ވަނީ ފެނިފައެވެ.
މި މައްސަލަތައް އައްޑޫ ސިޓީ، ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ރަމްޟާން މަހަކީ އައްޑޫ ސިޓީގައި ހިނގާ ކުށްތައް މަދު، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ވެފައިވާ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް އިސްކަންދީގެން ރަމްޟާންމަހަށް ޚާއްޞަކޮށްގެން އައްޑޫ ސިޓީގައި ފުލުހުން ހިންމުންދާ އޮޕަރޭޝަނަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން އައްޑު ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ފާހަކުރެއެވެ.