އެމެރިކާގެ ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި އެގައުމުގެ ނައިބު ރައީސް ކަމަލާ ހެރިސް ބަލި ގަބޫލުކުރައްވައިފި އެވެ.
ކަމަލާ ހެރިސްއާ ވާދަކުރައްވާ އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް، ޑޮނަލްޑް ޓްރަމްޕް އެވެ.
އިންތިހާބުން ބަލި ގަބޫލުކުރައްވާ ދެއްވި ހިތާބުގައި ހެރިސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ސަޕޯޓަރުން ވެސް ގަބޫލުކުރުމަށް ގޮވާލާ ކަމަށާއި އަދި ވެރިކަމުގެ ބާރުތައް ސުލްހަވެރިކަމާއެކު ބަދަލުކުރަން ބޭނުންވާ ކަމަށެވެ. އަދި ގައުމު އަނދިރި ދުވަސްތަކެއްގެ ތެރެއަށް ދާނެ ކަމަށް ގިނަ ބަޔަކަށް އިހުސާސް ކުރެވެމުންދާ ކަމަށާއި އުއްމީދަކީ އެގޮތަށް އެކަން ނުވުން ކަމަށް ހެރިސް ވިދާޅުވި އެވެ.
އިންތިހާބުގެ ކެމްޕޭނުގައި ކުރެވުނު މަސައްކަތްތަކާއި މެދު ފަހުރުވެރިވާ ކަމަށާއި އިންތިހާބުން ބަލިވި ނަމަވެސް އެމެރިކާގެ ހައްގުގައި ކުރާ މަސައްކަތަށް މަޑުޖެހުމެއް ނާންނާނެ ކަމަށް ހެރިސް ވިދާޅުވި އެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު ކުރަން ބޭނުންވާ 270 އިލެކްޓޯރަލް ވޯޓުގެ ތެރެއިން ޓްރަމްޕް ވަނީ 291 އިލެކްޓޯރަލް ވޯޓު ހޯއްދަވާފަ އެވެ. ކަމަލާ އަށް ލިބިފައި ވަނީ 223 އިލެކްޓަރުންގެ ވޯޓެވެ.
މިއީ ޓްރަމްޕްް އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ދެވަނަ ފަހަރެވެ. އޭނަ އެމެރިކާގެ ރައީސްކަން ފުރަތަމަ ކުރެއްވ 2016-2020 އަށެވެ. އަދި 2020 ގައި ދެވަނަ ދައުރަކަށް ވާދަކުރައްވައި ބަލިވެވަޑައިގަތީ މިހާރުގެ ރައީސް ޖޯ ބައިޑެންއާ ވާދަކޮށެވެ.