Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓަނީ

ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙުކޮށްދެއްވައިފި އެވެ.

މި ރަސްމިއްޔާތުގައި، މުޅި ރާއްޖެއަށް ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި، މި މަޝްރޫޢުގެ ދަށުން ފުރަތަމަ އިފްތިތާޙުކުރި އޭޓީއެމް އަކީ އދ. އޮމަދޫގައި ޤާއިމުކުރެވުނު އޭޓީއެމް އެވެ. މިވަގުތު ރާއްޖޭގައި ބީއެމްއެލް ގެ 190 އޭޓީއެމް ޤާއިމުކުރެވިފައިވާއިރު، 2025 ވަނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ޤާއިމުކުރުމަކީ މިއަދު ފެށި މަޝްރޫޢުގެ އަމާޒެކެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގެ ޚިދުމަތް ޤާއިމުކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅު ފުއްދެވުމަށް ކުރިއަށްގެންދަވާ މަސައްކަތެކެވެ.