Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

އާތިޔާ އިނީ ބަލިވެ، ސުނިލް ޝެޓީ ކާފައަކަށް!

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ އަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފި އެވެ.

އާތިޔާ އާއި ފިރިމީހާ، ކްރިކެޓް ތަރި ކޭއެލް ރާހުލް އަށް ދަރިޔަކު ލިބެން އުޅޭކަން އިއްޔެ އިންސްޓަގްރާމްގައި އިއުލާންކުރުމާ އެކީ ވަރަށް ގިނަ ފޭނުން އަންނަނީ މަރުހަބާ ކިިޔަމުންނެވެ. އިންސްޓަގްރާމް ޕޯސްޓްގައި ބުނީ ވިހާނީ އަންނަ އަހަރު ކަމަށެވެ.

އެ ދެ މީހުން ކައިވެނިކުރީ 2022 ގަ އެވެ.

އާތިޔާ ބަލިވެއިން ވާހަކަ ހިއްސާކުރި އިރުު، މި އަހަރުގެ ކުރީކޮޅު ވެސް އޭނަ ބަލިވެއިންކަމުގެ ވާހަކަތަކެއް މީޑިއާގައި ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ.

އާތިޔާ، 32، އަކީ "ދަޅްކަން" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު ސުނިލް، 63، ގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ސަލްމާން ޚާން ޕްރޮޑިއުސްކުރި 2015 ގެ ފިލްމު "ހީރޯ" އިން ބޮލީވުޑަށް ނުކުތް ނަމަވެސް އާތިޔާ އަކީ ކުރިއަށް ދާނެ ފުރުސަތެއް ނުލިބި ވަރަށް އަވަށް ގެއްލުނު ބަތަކާއެކެވެ. އޭނަ މިހާތަނަށް ކުޅުނީ އެންމެ ތިން ފިލްމެވެ. އެއީ "ހީރޯ" ގެ އިތުރުން 2016 ގެ "މުބާރަކަން" އަދި 2019 ގެ "މޯޓީޗޫރް ޗަކްނަޗޫރް" އެވެ.

ސުނިލްގެ ފިރިހެން ދަރިފުޅު އަހާން، 28، އަކީ ވެސް މިހާރު ބޮލީވުޑްގެ އެކްޓަރެކެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 2021 ގެ "ތަޅަޕް" އެވެ. އަހާން ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ބޯޑާ 2" އާއި "ސާންކީ" ހިމެނެ އެވެ.