މި އަހަރު އެމްޑީޕީން ފާހަގަ ކުރަނީ "ކާމިޔާބުގެ އަހަރު" ގެ ގޮތުގައި ކަމަށް އެ ޕާޓީގެ ޗެއާޕަސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީން ބޭއްވި ހާއްސަ ޖަލްސާގައި މޫސަ ވިދާޅުވީ 2008 ވަނަ އަހަރަށް ވުރެން ފޮނި ކާމިޔާބުތަކެއް މި އަހަރު ބޭއްވޭ އިންތިޙާބްތަކުގައި އެމްޑީޕީން ހޯއްދަވާނޭ ކަމަށެވެ.
މި އަމާޒަށް ވާސިލްވުމަށް އެމްޑީޕީގެ ހުރިހާ މެމްބަރުންނާއި، ޕާޓީއަށް ތާޢީދުކުރާ ހުރިހާ ފަރާތްތަކަކުން ހިތްވަރާއި އެކު އަތުކުރި އޮޅާލުމަށްވެސް މޫސަ ވަނީ ރޭގެ ޖަލްސާގައި ގޮވާލައްވާފަ އެވެ.
ރޭގެ ޖަލްސާގައި ރީކޯ މޫސާ ވަނީ، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޙާބް ކާމިޔާބު ކުރެއްވުމަށް ރިޔާސީ ކެނޑިޑޭޓާ އެކު އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެއްޓުން އިޢުލާން ކުރައްވާފަ އެވެ.
މޫސަ ވިދާޅުވީ، ކެމްޕެއިން ފަށައިގަތުމަށް ރިޔާސީ ކެނޑިޑޭޓް އިންނެވީ ތައްޔާރަށް ކަމަށާއި، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓާއި ނުލާ ބާއްވާ އިންތިޚާބެއްގެ ވޯޓު ފޮށި ނަގަން ޖެހޭނީ މޫދުން ކަމަށެވެ.
މީގެ އިތުރުން މޫސަ ވަނީ 2014 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބްގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިހާރުން ފެށިގެން އެކަމަށް މަސައްކަތް ފެއްޓެވުމަށް ގޮވާލައްވާފަ އެވެ.
އެހެން ނަމަވެސް މިހާރު އެމްޑީޕީގެ މެމްބަރުން ތިބި ގޮނޑިތައް ޕްރައިމަރީއަކާއި ނުލައި އެ މެމްބަރަކަށް އެންޑޯސްކޮށްދެއްވުމަށް ޤައުމީ މަޖިލީހުގައި ވަކާލާތުކުރައްވާނޭ ކަމަށް މޫސަ ވިދާޅުވިއެވެ.
“އެ ބޭފުޅުން ވަނީ އެމްޑީޕީއަށްޓަކައި އެތައް ޤުރުބާނީއެއް ވެފައި. ސިޔާސީ މައިދާނުގައި މި ޕާޓީއަށް މިހާ ހިސާބަށް މި އާދެވުނީ، ޕާލިމެންޓްރީ ގްރޫޕް ނުރޫޅި ޕާޓީއަށްޓަކައި އޮތޮމުން. އެހެން ކަމުން އަޅުގަނޑު އެބޭފުޅުންނަށް ޕްރައިމަރިއަކާއި ނުލައި ގޮނޑި އެންޑޯސްކޮށްދެއްވުމަށް އަޅުގަނޑު ޤައުމީ މަޖިލީހުގައި އެދޭނަން.” މޫސަ ވިދާޅުވި އެވެ.
މޫސަ ވަނީ އެހެން ޕާޓީތަކުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ޕްރައިމަރީއަށް އިޢުލާން ކުރެއްވުމުގެ ކުރިން އެމްޑީޕީއާ ގުޅި ވަޑައިގަތުމަށް ވެސް ގޮވާލައްވާފަ އެވެ.
އޭނާ ވިދާޅުވީ މިހާރު އިނދިކޮޅު މެމްބަރުން ތިއްބެވި ބައެއް ގޮނޑިތަކަކި އެމްޑީޕީގެ ގޮނޑިތަކެއް ކަން ކަށަވަރުވެފައިވާ ކަމަށާއި، ރަނގަޅު ގޮތަކީ ގޮނޑި ގެއްލުމުގެ ކުރިން އެމްޑީޕީ އާ ގުޅިވަޑައިގެންނެވުން ކަމަށެވެ.