ސްޓެލްކޯ އިން 'ވޭވް މޮނިޓަރިން ޕްރޮޖެކްޓް'ގެ ނަމުގައި ދިރާސާއެއް ފަށައިފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ މިއީ ރާއްޖެއިން ބޭނުންކުރާ 33 ޕަސެންޓް އިއާދަ ކުރަނިވި ހަކަތައިން އުފެއްދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ އަމާޒަށް ވާސިލުވުމަށް ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ.
މިއީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް މިހާރު ބޭނުންކުރާ ސޯލާ ހަކަތައިގެ ނިޒާމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރެވިދާނެ ގޮތެއްކަމަށް ފަހުމީ ވިދާޅުވި އެވެ. އަދި ކަނޑުގެ އޮއިން ހަކަތަ އުފެއްދުމަކީ ގިނަ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށާއި އެއާއެކު ހަކަތައިގެ ސަޕްލައި މިހާރަށްވުރެ ހަރުދަނާގޮތެއްގައި ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެއިތުރުން ކަނޑުގެ ރާޅުތަކަކީ އިރުގެ ހަކަތައަށް ވުރެ މޫސުމުގެ ހާލަތުގެ އަސަރު ކުޑަ އެއްޗަކަަށްވުމުން ރާޅު ހަކަތައިން ގިނަ ފައިދާތަކެއް ލިބިގެންދާއިރު، އޭގެ ތެރޭގައި އެއްގޮތަކަށް ހަކަތަ ފޯރުކޮށްދިނުން ހިމެނޭ ކަމަށް ފަހުމީ ވިދާޅުވި އެވެ.
އަދި މި ދިރާސާގެ ތެރެއިން ސްޓެލްކޯގެ އަމާޒަކީ ރާޅު ހަކަތަ މިހާރު ހުރި އިއާދަކުރަނިވި ހަކަތަ ފުރިހަމަ ކުރެވޭނެ ގޮތްތައް ވަޒަންކޮށް، މިއަށްވުރެ ވަރުގަދަ އަދި އިތުބާރު ހުރި ހަކަތަ ގްރިޑެއް އުފެއްދުން ކަމަށްވެސް ވިދާޅުވި އެވެ.