Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

ރާއްޖެ އަށް އަޒަރުބައިޖާންގެ ދަތުރުތައް ފަށައިފި

އަޒަރުބައިޖާންގެ ގައުމީ އެއާލައިނުން އެގައުމުގެ ވެރިރަށް ބަކޫ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް މިއަދު ފަށައިފި އެވެ.

އަޒަރުބައިޖާން ގައުމީ އެއާލައިންގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ މިއަދު ހެނދުނު 09:45 ގަ އެވެ. މިފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފްގެ އިތުރުން ކުންފުނީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރ މުޙައްމަދު މިހާދު ވިދާޅުވީ މި އައު ރޫޓުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ދަތުރުފަތުރުގެ ގުޅުން ވަރުގަދަވެ، އަޒަރުބައިޖާނުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހައިން ދަތުރުކުރެވޭނެ މަގު ހުޅުވިގެންދާނެ ކަމަށެވެ.

އަޒަރުބައިޖާން އެއަރލައިންސްގެ ޗީފް ކޮމާޝަލް އޮފިސަރ ޖަމީލް މަނިޒާޑޭ ވިދާޅުވީ ވިންޓަރ ސީޒަންގައި ރާއްޖެ ފަދަ މަޤްބޫލު މަންޒިލަކަށް ސީދާ ދަތުރުތައް ފެށުމަކީ އަޒަރުބައިޖާނުގެ ފަތުރުވެރިންނަށް ލިބޭ ބޮޑު ފަސޭހައެއް ކަމަށެވެ.

ބަކޫ އާއި ވީއައިއޭ އާއި ދެމެދު އަޒަރުބައިޖާން އެއާލައިންސްއިން ހަފްތާއަކު ދެ ފްލައިޓެއް އޮޕަރޭޓްކުރުމަށް ވަނީ ނިންމާފަ އެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް ބީ787 މަރުކާގެ މަތިންދާ ބޯޓެވެ.