Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

ބަންކަރިން ހިދުމަތް ނުހުއްޓި ކުރިއަށް އެބަދޭ: ޝިމާދު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝިމާދު އިބްރާހިމް

އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ނުހުއްޓި ކުރިއަށްދާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޝިމާދު މިހެން ވިދާޅުވީ ބަންކަރިންގެ ހިދުމަތް ދޭން އުތުރުގައި ބާއްވާފައި އޮތް ދެ ބޯޓު މާލޭ ސަރަހައްދަށް އައުމުން ބަންކަރިން ހިދުމަތާއި ގުޅޭގޮތުން ސުވާލުތަކެއް އުފައްދާ އޮންލައިން ނޫހަކުން މިއަދު އާންމުކުރި ހަބަރަކާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝިމާދު ވިދާޅުވީ ބަަންކަރިން ހިދުމަތަށް ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން މެރިން ބެލާ މާލެ ކައިރިއަށް އައީ އޯޑަރަކަށް ތެޔޮ ޑެލިވެރީކޮށްދިނުމަށް ކަމަށެވެ. މި ހިދުމަތުގައި ދެން ބޭނުންކުރާ މެރިން އެންޖެލްސް ނަމަކަށް ކިޔާ އުޅަނދު މާލެ ސަރަހައްދަށް އައިސްފައި އޮތީ ރޫޓިންކޮށް ކުރަންޖެހޭ މަރާމާތެއް ކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ މާލެ ސަރަހައްދަށް ރޫޓިން މަރާމާތަކަށް އެ ބޯޓު އަންނަން ޖެހުނީ މިހާތަނަށް އިހަވަަންދިިއްޕޮޅުގައި އެފަދަ މަރާމާތުކުރުމަށް ބޭނުންވާ ވޯކްޝޮޕުތައް ގާއިމުކުރެވިފައި ނެތުމުން ކަމަށެވެ.

ބަންކަރިން ހިދުމަތް ނުހުއްޓި ކުރިއަށްދާ ކަމަށާއި މިފަދަ މުހިއްމު އިންވެސްޓުމެންޓުތަކާ ގުޅޭ ހަބަރުތައް ގެނަައުމުގައި ވިސްނުންތެރިކަން އިސްކުރުމަށް ވެސް ޝިމާދު ވަނީ ގޮވާލާފަ އެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހު އެވެ.