Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ފަލަސްތީނުގެ ހައްގުގައި ޖިހާދު ކުރުމަކީ ލިބޭ ފަހުރެއް

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ޖިހާދު ކުރުމަކީ ލިބޭ ފަހުރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފަލަސްތީނުގެ މައްސަލަ އަކީ ރާއްޖެ އަށް އެންމެ މުހިއްމު އެއް މައްސަލަ ކަމަށާއި މި މައްސަލަ ހައްލުކުރުމުގައި އެންމެ ވަރުގަދަ އަށް ޖެހިލުމެއް ނެތި ރާއްޖެ އިން ވަކާލާތު ކުރަމުންދާ ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީޖޭ) ގައި އޮތް މައްސަލާގައި ވެސް ރާއްޖެއިން ބައިވެރިވެފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ދާނީ ކެރިގެން ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ޖިހާދު ކުރަމުން. އެއީ އަޅުގަނޑުމެން ފަހުރުވެރިވާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ މުސްލިމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ވިދިގެން ރާއްޖޭގެ އެކި ހިސާބުތަކުން ފަލަސްތީނަށް އެކި ގޮތްގޮތުން މިހާތަނަށް އެހީވަމުން އައިސްފައިވެ އެވެ. އެގޮތުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށްޓަކައި ރާއްޖެ އިން ދެ މިލިއަން މަސްދަޅު ހަދިޔާކުރަން ނިންމާފައިވާއިރު، ޒަކާތު ފަންޑުން ފަލަސްތީނަށް އެއް ލައްކަ ޑޮލަރުގެ ފައިސާ ހަދިޔާކުރަން ވެސް ވަނީ ނިންމާފަ އެވެ.

މީގެއިތުރުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގައި މީހުންނަށް އެހީވުމަށް އދ. އިން އުފައްދާފައިވާ ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (އަންރުވާ) އަށް ރާއްޖެއިން ފައިސާގެ އެހީގެ ގޮތުގައި 50،000 ޑޮލަރު ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލްއާންމުގައި މިހާތަނަށް 43،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.