Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

އައިއެމްޑީސީ އަށް ދޫކުރި ބިމުގެ މައްސަަލަ އޭސީސީ އަށް

އަމިއްލަ ފަރާތަކުން އައްޑޫގައި ހިންގާ ހޮސްޕިޓަލް އައިއެމްޑީސީ. ފޮޓޯ/ އައިއެމްޑީސީ

ސ. ހިތަދޫގައި ހޮސްޕިޓަލެެއް ހިންގަމުން އަންނަ އައިއެމްޑީސީގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމަށް ހިތަދޫން ދޫކޮށްފައިވާ ބިމަށް އެއްބަސްވުމާ ހިލާފަށް ބިން އިތުރު ކުރި މައްސަލައެއް ބަަލައި ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ލިންކް ރޯޑް ސަރަހައްދުން ދޫކޮށްފައިވާ އެ ބިމުގެ މައްސަލަ އޭސީސީ އަށް ހުށަހަޅާފައިވާތީ އެކަން ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

"އައްޑޫ ލައިވް" އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ބަލައި ދިނުމަށް އެދި އޭސީސީ އަށް ހުށަހަޅާފައި ވަނީ ކައުންސިލްގެ އިދާރާގެ މުވައްޒަފެކެވެ.

އޭނާ މި މައްސަލަ އޭސީސީ އަށް ހުށަހެޅުއްވީ އައްޑޫ މޭޔަރުގެ މަގާމުގައި މިހާރު ހުންނެވި އަބްދުﷲ ސޯދިގް (ސޯބެ) އައްޑު އަތޮޅު އަތޮޅު ކައުންސިލަރަކަށް ހުންނެވި ދުވަސްވަރު 2009 ވަނަ އަހަރު އައިއެމްޑީސީ އަށް ދޫކުރި 30،000 އަކަފުޓޫގެ ބިމަށް ފަހުން 20،000 ފޫޓް އިތުރުކޮށްފައިވާކަން ލިޔެކިޔުންތަކުން ފަހުން އެނގެން އޮތުމުން ކަމަށް އެނގިފައިވެ އެވެ.

އެހެން ނަަމަވެސް އައިއެމްޑީސީ އާ އެކު އޭރު ވެވުނު އެއްްބަސްވުމުގެ ދަށުން އައިއެމްޑީސީ އަށް ދޫކޮށްފައި ވަނީ 30،000 އަކަފޫޓްގެ ބިމެވެ.
ފަހުން 20،000 އަކަފޫޓް އިތުރުކޮށް ޖުމްލަ 50،000 އަކަަފޫޓް އައިއެމްޑީސީ އަށް ލިބުނީ ކިހިނެއްތޯ މިހާތަނަށް ސާފުވާން ނެތް ކަމަށް އެނގިފައިވެ އެވެ. އެހެންވެ މި މައްސަލަ އޭސީސީ އަށް ވައްދާފައި ވަނީ އައިއެމްޑީސީ އަށް ބިން އިތުރު ކުރެވުނު ގޮތެއް ބަލައި އެކަން ތަހުގީގުކޮށް ދިނުމަށެވެ.

އައިއެމްޑީސީގެ ހިދުމަތް ފުޅާ ކުރުމަށް 10 ބުރީގެ އިމާރާތެެއް ހެދުމަށް އައިއެމްޑީސީ އަށް ބިން ދޫކޮށްފައިވާތާ ގިނަ ދުވަސްތަކެއްވެފައިވާ އިރު، އެ ބިން ދޫކުރި މަގުސަދު ހާސިލް ނުވެ ދިގުލައިގެން ދާތީ އައްޑޫ ސިޓީ ކައުންސިލުން ވަނީ ބިން ނަގަން ޖެހިދާނެ ކަމުގެ އިޝާރާތްތަކެއް ވެސް މީގެ ކުރިން ދީފަ އެވެ.

އައިއެމްޑީސީ ހިންގަމުން އަންނަ ސިމްޑީ ގްރޫޕްގެ އޮފިޝަލަކު ވިދާޅުވީ ހިތަދޫން ލިބިފައިވާ ބިމުގައި ކުރަން ޖެހޭ މަސައްކަތްތައް ނުފެށި ދިގުލައިގެން ގޮސްފައި ވަނީ ސަރުކާރު ތެރެއިން ހަމަޖައްސަން ޖެހޭ ކަންކަން ހަމަނުޖެހިގެން ކަމަށެވެ. އަދި ކުރިން ވެސް ރޭވި ގޮތަށް ހޮސްޕިޓަލް ތަރަައްގީ ކުރުމުގެ ޕްލޭން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިއެމްޑީސީއަކީ މިހާރުގެ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ ހިއްސާ ވެސް އޮންނަ ތަނެކެވެ.